ބ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވަ ބޮޑުފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދޭ ވީޑިއޯ އާންމުވެއްޖެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ 13 ދިވެހި މުވައްޒަފުން ރަހީނުކޮށް، އެރަށުގައި ހުރި ތަކެއްޗަށް ގެއްލުންދީ ހަދާފައި ވަނީ އެރަށުގައި ތިބި 203 އެއްހާ ބިދޭސީންގެ ތެރެއިން ބައެކެވެ. އެރަށުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދެ ފަހަރެއްގެ މަތިން ފުލުހުން އެރަށަށް އަރަން އުޅުމުން އެކަން ނާކާމިޔާބު ވެފައި ވާއިރު، ފުލުހުން އެރަށަށް އަރަން އުޅެނިކޮށް ބިދޭސީން ފުލުހުންނަށް ހަމަލާދޭ މަންޒަރު އާންމު ވެފައިވާ ވީޑިއޯއިން ފެނެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަ ލޯންޗެއްގައި ފުލުހުން ބޮޑުފިނޮޅާ ގާތް ކުރަން މަސައްކަތް ކުރަމުން ދާއިރު، ގިނަ އަދަދެއްގެ ބިދޭސީން އެކަމަށް ހުރަސް އަޅާ، ޖެޓީމަތީގައި ތިބެ ފުލުހުންގެ ލޯންޗަށް އެކި ސާމާނު އުކާ މަންޒަރު ފެނެއެވެ. ބަލާ ބެލުމަށް ބިދޭސީންގެ އަތުގައި ދަގަނޑު ބުރިއާއި ލަކުޑިބުރި އަދި އެޅިގަލާއި، ދަގަނޑު ބިޑި ފަދަ ތަކެތި ހުއްޓެވެ.

ހިތްހަމަނުޖެހި އަޑުބާރުކޮށް އެ ބިދޭސީންތައް ތިބީ ފުލުހުންނަށް ހަމަލާދޭން ތައްޔާރު ވެގެންނެވެ. އަދި ފުލުހުންގެ ލޯންޗަށް އަތުގައި ހުރި ތަކެތި އުކަމުން ދިޔައީ ރުޅިވެރި ކަމާއެކުއެވެ. މި ކުރިމަތިލުމުގައި ފުލުހުންނަށް އަނިޔާވުމުގެ ސަބަބުން އެމީހުން ވަނީ އެރަށަށް ނޭރޭނެ ކަމަށް ނިންމާ އަނބުރާ ގޮސްފައެވެ.

https://www.facebook.com/Sangoaru/videos/2492158874220101/

ބަލާބެލުމުން މި ވީޑިއޯ ނަގާފައި ވަނީ އެރަށުގެ ބަނދަރުމަތީ ހުރި މީހެކެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާފައި ވަނީ އެ މީހުންނަށް 6 މަހުގެ މުސާރަ ނުދޭތީ އެކަމާއެވެ. ހަމަނުޖެހުން ހިންގާފައި ވަނީ މީގެ ކުރިން ހިމޭން ކަމާއެކު އަޑުއުފުލައިގެން އެމީހުންނަށް ކުރިއެރުމެއް ލިބިފައި ނުވުމުންނެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ މާލެއިން ސިފައިންނާއި ފުލުހުން ގޮސްގެންނެވެ. މި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރު ކޮށްފައެވެ.