ޕާކިސްތާނުން ދޫކޮށްފައިވާ ލައިސަންސްތަކުގައި އުދެހުމުންދާ ޕައިލެޓުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް މެލޭޝިއާއިން ނިންމައިފިއެވެ.

މެލޭޝިއާގެ ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓް ކުރާ ޕައިލެޓުންގެ ތެރެއިން، ޕާކިސްތާނުން ދޫކޮށްފައިވާ ލައިސަންސް އޮތް ޕައިލެޓުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ނިންމީ، ޕާކިސްތާނުން ދޫކޮށްފައިވާ ގިނަ ލައިސަންސްތަކަކީ ފޭކު ލައިސަންސްތަކެއް ކަމަށް ޚުދު އެ ގައުމުގެ ސަރުކާރުން ހާމަ ކުރުމާ ގުޅިގެންނެވެ.

މެލޭޝިއާއިން މައުލޫމާތު ދޭ ގޮތުގައި ޕާކިސްތާނުގެ ލައިސަންސް އޮތް ޕައިލެޓުންގެ އަދަދު 20 އަށް ވުރެ މަދެވެ. މެލޭޝިއަން އެއާލައިންސް، މެލިންޑޯ އެއާ އަދި އެއާއޭޝިއާއިން ވަނީ އެ އެއާލައިންތަކުގައި ޕާކިސްތާނުގެ ލައިސަންސް އޮތް ޕައިލެޓުން މަސައްކަތް ނުކުރާކަން ހާމަކޮށްފައެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަނުން ބުނީ ޕާކިސްތާނުގެ ލައިސަންސް އޮފް ޕައިލެޓުން މަސައްކަތް ކުރަމުންދަނީ ފްލައިންގް ސްކޫލްތަކާ، ފްލައިންގް ކުލަބުތަކުގެ އިތުރުން އުދުހުމުގެ ތަމްރީނު ދޭ މަރުކަޒުތަކުގައި ކަމަށެވެ.

ފޭކު ލައިސަންސްތަކުގެ މައްސަލަ ބޮޑުވެ، ހުސްވި ހަފުތާގައި ޕާކިސްތާނުންވަނީ އެގައުމުގައި މަސައްކަތް ކުރާ 3 ބައިކުޅަ 1 ޕައިލެޓުން ގްރައުންޑްކޮށްފައެވެ. ޕާކިސްތާނަށް ނިސްބަތްވާ 860 ޕައިލެޓަކު އުޅޭއިރު މީގެ ތެރެއިން 107 ޕައިލެޓުން މަސައްކަތް ކުރަނީ ބޭރުގެ އެއާލައިންތަކުގައެވެ.

ޕާކިސްތާނުގެ ޕައިލެޓުންގެ ވަގު ލައިސަންސްގެ މައްސަލާގައި، ވިލާތުގެ އިއްތިހާދުން ވަނީ 6 މަސް ދުވަހުގެ މުއްދަތަށް، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ އޮޕަރޭޝަންތައް ހުއްޓާލާފައެވެ.