މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން އޭގެ އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ހޭލަންވީ ވަގުތު ކަމަށާ، މިއީ ކުދި ކިޔަކިޔާ ތިބުމުގެ ބަދަލުގައި، ވައިރަސް ހުއްޓުވަން ތެދުވަން ވީ ވަގުތު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ގޮވާލައިފިއެވެ.

ޔޫއެން ކޮރަސްޕޮންޑަންޓްސް އެސޯސިއޭޝަނުން ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއެޗްއޯގެ އެމާޖެންސީސް ޑައިރެކްޓާ ޑރ މައިކަލް ރާޔަން ވިދާޅުވީ، ތަފާސް ހިސާބުތައް ދޮގެއް ނުހަދާ ކަމަށާ، ފަސްގަނޑުގައި ކަން ހިނގަމުންދާ ގޮތުގައިވެސް ދޮގެއް ނެތް ކަމަށާ، މިއީ މީހުން ހޭލަންވީ ވަގުތު ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އަދަށް ވުރެ ގޯސްވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިންވަނީ ދީފައެވެ. ގައުމުތަކުގެ ސަރުކާރުންތަކުން އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް މިހާރު އަޅަން ނުފަށައިފިނަމަ، ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިންވަނީ ދީފައެވެ. ކޮވިޑް-19ގެ އަދުގެ ހާލަތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުރިހާ ގައުމަކަށް ހެން ބަލިމަޑުކަން އޮތީ ފެތުރިފައެވެ. ހަމަ ލޮލަށްވެސް ނުފެންނަ މި ވައިރަހަށް އިންފެކްޓްވި މީހުންގެ އަދަދު 11.1 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 529127 އަށް އަރާފައެވެ.