ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ރޭ ހިނގި ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންކަން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށާއި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނާއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓްގެ ސްކްރީން ޝޮޓެއް

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ފުރަތަމަ މެންބަރު ރިޒާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުސާރަ ނުދެވުނީ ކަމަށެވެ. ނަމަވެސް ފަހުން އެ މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުނެފައި ވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށެވެ. ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ފައިސާއަށްވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ. ހަމަނުޖެހުން ހިންގި ކަމަށް ބެލެވޭ 19 މީހަކު މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.