މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ 2 ވަނަ ރާޅު ކޮންޓްރޯލް ކުރެވެން ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ސިންގަޕޫރުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ޑެންގޫ ހުމުގެ ބަލިމަޑުކަމާ ދިމާލަށް އެގައުމު މިސްރާބު ޖަހާފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ސިންގަޕޫރުގެ ނޭޝަނަލް އެންވައިރަމަންޓް އޭޖެންސީ (ނިއާ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ފެށުނު ފަހުން އެ ގައުމުން 14000 ޑެންގޫ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. ސިންގަޕޫރުގެ ތާރީހަށް ބަލާއިރު އެންމެ ފިނަ އަދަދަކަށް ޑެންގޫ ކޭސް ރިޕޯޓް ކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެ އަހަރު 22170 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މިއަހަރު، އެ އަދަދަށްވުރެ އިތުރަށް ކޭސް ރެކޯޑް ކުރާނެ ކަމަށް ނިއާއިން ލަފާކުރެއެވެ.

އިންސާނެއްގެ ހަށިގަނޑުން މަދިރިއެއް ލޭ ބޮނީ/ފޮޓޯ: ސައިންސް ފޮޓޯ ލައިބްރަރީ

ޑެންގޫއަކީ އީޑީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. ޒިކާ، ޗިކުންގުންޏާ އަދި ރީނދޫ ހުންވެސް ޖައްސަނީ ހަމަ މިދަރިއެވެ. މިއީ ވިއްސާރަ މޫސުމުގައި، ތެތް-ހޫނު ކަމެއް ހުންނަ ސަރަހައްދުގައި އާންމުކޮށް އާލާވާ، ނުރައްކާތެރި މަދިރިއެވެ.

ޑެންގޫއަށް އިންފެކްޓްވާ މީހުންގެ ތެރެއިން، ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ އެންމެ 25 ޕަސެންޓް މީހުންގެ ކިބައިންނެވެ. ޑެންގޫގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާ، ގަދައަށް ބޮލުގަ ރިއްސުމާ، މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގޫ ހުން ޖެހި، ހާލު ސީރިއަސްވާ ޕޭޝަންޓުންގެ ހަށިގަނޑުން ލޭ އައުމާ، ނޭވާލާން ދަތިވުމާ، އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުމުގެ އިތުރުން މި ހުމުގައި މަރުވެ ދިއުމުގެ ނުރައްކާވެސް އޮވެއެވެ.

ދުނިޔޭގައިވެސް ޑޭންގޫ ކޭސް އިތުރު ވަނީ

ފަހުގެ ތާރީހަށް ބަލާއިރު މުޅި ދުނިޔޭގައިވެސް ޑޭންގޫ ކޭސްތަކުގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ފާއިތުވީ ބައި ގަރުނެއްހާ ދުވަހަށް ބަލާއިރު، ޑެންގޫ ކޭސް ފެންނަ މިންވަރު ވަނީ 30 ގުނަ އިތުރުވެފައެވެ. އަހަރަކު 100-400 މިލިއަނެއްހާ ކޭސް ރިޕޯޓް ކުރާއިރު، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި މީހުން މިވަގުތު ތިބީ ޑެންގޫ ހުމުގެ ނުރައްކަލަށް ހުށަހެޅި ފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިންޒާރު ކޮށްފައެވެ.

ސައިންސް ލެބެއްގެ ތެރޭގައި ބެކްޓީރިއާ އިންފެކްޝަންއާއިއެކު ތަހުލީލުތަކަށް މަދިރި ފަނި އާލާ ކުރަނީ/ފލޮޓޯ: ގެޓީއިމޭޖަޒް

ސައެންސްވެރިން ބުރަވާ ގޮތުގައި އާދަޔާ ހިލާފަށް ހޫނުގަދަވެ، މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ތެތްކަން ކުރިމަތިވުމުގެ ސަބަބުން އީޑީޒް މަދިރި ބިސް އެޅުމަށް ވެށި ތަނަވަސްކޮށްދެއެވެ. މިކަމުގައި އޮތީ މަދިރީގެ އާބާދީ އިތުރުން އެކަންޏެއް ނޫނެވެ. އޭޝިއާގެ ގިނަ ގައުމުތަކަށް ތަރައްގީގެ ނަމުގައި ގެންނަމުންދާ އުމްރާނީ ބަދަލުތަކާއެކު، އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅުމަށް މަޖުބޫރުވެފައިވަނީ އެކި ޒާތުގެ ބަލި ޖައްސާ ސޫފާ ސޫތްޕާ އިންތިހާ ގާތުގައި ކަމީވެސް މިކަމުގެ ސަބަބެއްކަން ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19 ލޮކްޑައުންއާއެކު ހާލަތު އިތުރަށް ގޯސްވިތަ؟

ނެންޔާންގް ޓެކްނޮލޮޖީ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސާ އޮފް އިންފެކްޝަން އެންޑް އިމިއުނިޓީ ލޫއޯ ޑަހާއި ވިދާޅުވާ ގޮތުގައި، މިއަހަރު ޑެންގޫ ހުމުގެ ކޭސްތައް އިތުރުވަމުން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންގެ އަމަރުގެ ފިޔަވަޅުތައް ކަމުގައި ބެލެވިދާނެއެވެ.

ހަދަމުންދާ އިމާރާތެއްގެ ތެރެއިން މަދިރިއަށް ފޮގް ކުރަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ލުއާއޯ ވިދާޅުވާ ގޮތުގައި ގިނަ ބަޔަކު ގޭގައި ތިބުމަށް މަޖުބޫރުވުމާއެކު، މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެ، މަދިރިއަށް ކާނާ ލިބޭ މިންވަރު އިތުރުވުމުގެ ފުރުސަތު އޮތެވެ.

ނިއާއިން މައުލޫމާތު ދޭ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ލޮކްޑައުންގައި އޮތް 2 މަހެއްހާ ދުވަހު، އާންމުން ދިރިއުޅެމުންދިޔަ ސަރަހައްދުތަކުން މަދިރި ބިސް ފެނުނު މިންވަރު، އޭގެ ކުރީ 2 މަހާ އަޅާ ބަލާއިރު 5 ގުނަ ވަނީ އިތުރުވެފައެވެ.