ބިދޭސީންނަށް މުސާރަ ނުދީގެން ދިވެހިންގެ ބިމުގައި ދިވެހިން ރަހީނުކުރުން "ޢޯކޭ" ކަމަށް (ދިވެހިން) ދުށުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދީގެން އެތަނުގައި ތިބި ދިވެހިންތަކެއް ރަހީނު ކުރުމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީންގެ ހައްގުތައް ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ ގާނޫނީ އިންތިޒާމުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.

ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ، މުސާރަ ނުލިބުމުން ކުރުން "އޯކޭ" ކަމެއް ކަމަށް (ދިވެހިން) ދެކުމަކީ މާރިޔާގެ ނަޒަރުގައި ގައުމަށް ގައްދާރުވުން ކަމަށް ވެސް ވިދާޅުވިއެވެ.

އެރަށުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ރޭ ފުލުހުންގެ ޓީމެއް ދިޔަ ނަމަވެސް އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން ވަނީ ފުލުހުންގެ ގަޔަށް ގަލާއި، ދަނގަނޑު ބިޑިއާއި ހޮޅިބުރިފަދަ ތަކެތި އުކާފައެވެ. އެކަމުގެ ތެރޭގައި ފުލުހެއްގެ ބޯވެސް ފަޅައިގެން ދިޔައެވެ. އެހެންކަމުން މާލެއިން ފުރައިގެން ސަލާމަތީ ބާރުތަކުގެ ޓީމެއް [ސިފައިންނާއި ފުލުހުން ހިމެނޭހެން] ބޮޑުފިނޮޅަށް ދިޔައެވެ. އަދި މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުން ބޮޑުފިނޮޅަށް އަރާ ރަހީނު ކޮށްފައިވާ މީހުންތައް ސަލާމަތް ކުރިއެވެ.

އެރަށަށް ދިޔަ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނާއި އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންނާ އެއްވެސް ހަމަނުޖެހުމެއް އަދި ކުރިމަތިލުމެއްވެސް ނުހިނގައެވެ. ބިދޭސީން ވަނީ ފުލުހުންނަށް އެއްބާރުލުން ދީ އަމާން ދީފައެވެ.

މި މައްސަލާގައި ބިދޭސީން އިހުތިޖާޖު ކުރީ އެމީހުންނަށް އެތައް މަހެއް ވަންދެން މުސާރަ ދީފައި ނުވާ މައްސަލާގައެވެ. ކޮވިޑާ ގުޅިގެން ހަތަރު މަސް ދުވަހުގެ މުސާރަ ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވި އިރު، ރޭ އެރަށުގައި ރަހީނުވި ދިވެއްސަކު ބުނީ މުސާރަ ނުދެތާ 6 މަސް ވެއްޖެ ކަމަށާއި، ނިމިދިޔަ ރޯދަ މަހު ދިވެހި މުވައްޒަފުންނަށް 5000 ރުފިޔާ ދިން ކަމަށެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަކީ 7000 ރުފިޔާއެވެ.

އަލީ ރިޒާ ވިދާޅުވީ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށާއި މުސާރަ ނުދެވިފައި ވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާ ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެން ކަމަށްވެސް އޭނާވެސް ވިދާޅުވިއެވެ.