މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 11001043 އަށް އަރާފައެވެ.
އެންމެ ގިނައިން ކޭސް ރިޕޯޓްކޮށްފައިވާ ގައުމުތައް
- އެމެރިކާ: 2837183 ޖުމުލަ ކޭސް | 1514613 އެކްޓިވް ކޭސް
- ބްރެޒިލް: 1501353 ޖުމުލަ ކޭސް | 523216 އެކްޓިވް ކޭސް
- ރަޝިއާ: 667883 ޖުމުލަ ކޭސް | 220131 އެކްޓިވް ކޭސް
- އިންޑިއާ: 627168 ޖުމުލަ ކޭސް | 229041 އެކްޓިވް ކޭސް
- ސްޕެއިން: 297183 ޖުމުލަ ކޭސް | ތަފާސް ހިސާބު ލިބިފައި ނުވޭ
ދުނިޔޭގެ އެކި ކަންކޮޅުތަކުން 11 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 4314174 ކޭހެވެ. މީގެ ތެރެއިން 4.2 މިލިއަން މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުން ދަނީ ވަރަށް ކުޑަކޮށް ކަމަށް ވާއިރު، 57873 މީހަކު އޮތީ ކުރިޓިކަލް/ސީރިއަސް ހާލަތުގައެވެ.
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 524406 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
މި ބައްޔަށް އަދި ވަކި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ކޮވިޑް-19 ޖެހި، ޝިފާ ލިބި، ބަލިން ރަނގަޅު މީހުންގެ އަދަދު މިހާރު ވަނީ 6.1 މިލިއަނަށް އަރާފައެވެ.