ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އެމެރިކާއިން މިއަދު އެކަނިވެސް 51504 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކައިފިއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން އެމެރިކާއަށް ކުރިމަތިވިފަހުން އެގައުމުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރި ފަހަރެވެ. އެމެރިކާއިން އެންމެ ގިނަ އަދަދަކަށް މިހުންގެ ޕޮޒިޓިވްވެގެން އެންމެ ފަހުން ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހު 51174 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވެއެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2837189 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 1514613 ކޭހެއް ރެކޯޑް ކޮށްފަ ވާއިރު، 15907 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލުމާތު ލިބެއެވެ. އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މި ބަލީގަ މަރުވި މީހުންގެ އަދަދު 131485 އަށް އަރައެވެ.

މިދަނޑިވަޅަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ބައެއް ސްޓޭޓްތަކުން ލުއި ދޭން ފަށާފައިވާ ދަނޑިވަޅެއް ނަމަވެސް، 23 ސްޓޭޓަކުން ވަނީ މި ޕްލޭންތައް މަޑުޖައްސާލާފައެވެ.

ފާއިތުވީ ދެތިން ހަފުތާއަށް ބަލާއިރު އެމެރިކާއިން ހަފުތާއެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދިޔައީ 20000-25000 ދެމެދު އަދަދެއްގެ މީހުންނެވެ. މިއީ މިއަދުގެ ރެކޯޑަށް ބަލާއިރު 2 ބައިކުޅަ 1 ބައެވެ.