ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަކަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައިވާ 39 އަހަރުގެ އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު 9:47 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ. އަދި އޭނާ އަކީވެސް ވެންޓިލޭތަރުގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު މީހަކު މަރުވެފައިވާ އިރު، އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް ވެންޓިލޭތަރުގައި ފަރުވާ ދެމުން ދިޔަ ދެމީހަކު ވަނީ މަރުވެފައެވެ. އެގޮތުން ވިދިވިދިގެން ދިޔަ ތިން ދުވަހު މި ވަނީ ތިން މީހުން މަރުވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 11 މީހަކު މަރުވެފައި ވާއިރު، އިއްޔެ މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. އަދި އޭގެ ކުރީ ދުވަހު މަރުވެފައި ވަނީ 43 އަހަރުގެ ޕިޕީންސް ފިރިހެނެކެވެ. މީގެއ ިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މިއަދު މަރުވި 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެން މީހާއެވެ.