މިއަދު ޕޮޒިޓިވް ވި 18 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 2400 އަށް އަރައިފިއެވެ.
މިއަދު 18 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 15 މީހުން ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހުންނެވެ. ޖުމްލަ 2400 މީހުން ޕޮޒިޓިވެފައި ވާއިރު މީގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 416 މީހަކަށެވެ.
ރާއްޖެއިން މިހާރު 1969 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 115 މީހުން އަދި އައިސޮލޭޝަންގައި ތިބީ 275 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި މިއަދު މަރުވި އުމުރުން 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނެކެވެ. ހަމައެއާއެކު 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 21 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 10 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 841 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1254 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 220 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 43 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައި ވެއެވެ.