ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ކޮށްފިއެވެ.

އެފްއޭއެމް އިން ބުނީ ބައްސާމް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްފައި ވަނީ މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގައި އެގެޒެކެޓިވް ކޮމިޓީގައި ހިމެނޭ ސީނިއާ ނައިބު ރައީސް އަކީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވަޑް އަލީ އުމަރެވެ. ދެ ވަނަ ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)އެވެ.

އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، އަހްމަދު ޝަކީބު އާއި މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ތިބި މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނެނީ އާމިނަތު ޝާނީޒް (ޝާނީ)އެވެ.

މިއަދު ބައްސާމް ރައީސް ކަމަށް އައްޔަނު ކޮށްފައި ވާއިރު، އެފްއޭއެމްގެ ރައީސްގެ މަގާމަށް މިފަހަރު ކުރިމަތިލާފައި ވަނީ ވެސް ބައްސާމް އެކަންޏެވެ. އެންމެ ފުރަތަމަ އޭނާ އެފްއޭއެމްގެ ރައީސަކަށް އިންތިހާބުވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވާފައި ވަނީ އެ އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ޔޫތް މިނިސްޓްރީގައި އެދެން ހުށަހަޅާފައި ވަނިކޮށެވެ. އެ އިންތިހާބު ފަސްކޮށްދޭން މަޖިލީހުން އެދެނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އިތުރަށް ދިރާސާ ކުރަމުން ދާތީއެވެ.