ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭ މޯލްޑިވްސްގެ އިންތިހާބު ބޭއްވީ ގާނޫނާއި ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ހިލާފަށް ކަމަށާއި އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މަޖިލީހަށް އާޒިމް ހުށަހެޅުއްވި އެފްއޭއެމްއާ ގުޅޭ މައްސަލަ، އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން އަންނާތީ އިންތިހާބު ފަސްކުރަން މިނިސްޓްރީން އެދިފައި ވަނިކޮށް އެފްއޭއެމުން މިއަދު ހަވީރު އިންތިހާބީ ކޮންގްރެސް ބާއްވައި ރައީސަކަށް އަނެއްކާ ވެސް ބައްސާމް އަދީލް ޖަލީލް ވަނީ ހޮވާފައެވެ.

އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އާޒިމް މައްސަލަ ހުށަހެޅުއްވުމުން އެފްއޭއެމުން އެކަން ފީފާގެ ސަމާލުކަމަށް ގެނުމާ އެކު، ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އިން ވަނީ އެފްއޭއެމަށް ސިޓީ އެއް ފޮނުވާފައެވެ. އެފްއޭއެމް އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ނަމަ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް އިންޒާރު ކޮށްފަ އި ވާއިރު، އެފްއޭއެމްގެ ގަވާއިދާ އެއްގޮތަށް، މިނިވަން ކަމާ އެކު އެ އެސޯސިއޭޝަނުގެ އިންތިހާބީ މަރުހަލާ ކުރިއަށް ގެންގޮސް، މިހާރު ރޭވިފައިވާ ގޮތަށް އިންތިހާބީ ކޮންގްރެސް މިއަދު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފީފާ އިން ބުނެފައި ވެއެވެ.