ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނދިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހަސަން ނަޖީބަށް ފިޔަވަޅު އެޚުމަސް ޖޭއެސްސީން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. އޭނާ މަގާމުން ވަކި ކުރަން ނިންމީ، ފަނޑިޔާރުންގެ ގާނޫނާ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެ، ސިޔާސީ ކަމއްގައި ބައިވެރިވެފައިވާތީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަަތަކުގެ ތެރޭގައި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ އަތޮޅު ކައުންސިލުގެ ގއ ވިލިގިނލި ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް މަސައްކަތްކޮށްފައިވާ މައްސަލަ ހިމެނެއެވެ. އަދި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި އޭނާ ބައިވެރިވި ކަމަށާއި، އެ އިންތިހާބުގައި ބައިވެރިވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެންސީ ބާތިލު ކުރަން މަސައްކަތް ކުރި މައްސަލަވެސް ހިމެނެއެވެ.

ޖޭއެސްސީން ބުނީ ހަސަން ނަޖީބު ވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ހޯދުމުގެ ހޮތިން ބައްދަލުވުމެއް ބާއްވާ ވާހަކަ ދައްކަވާފައި ކަމަށެވެ. އޭނާ ވަނީ ގއ މެޖިސްޓްރޭޓް ކޯތުގައި ތަހުގީގު އެއްވެސް އިދާރާއކަުން އެދިފައި ނުވަނީސް ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ގާނޫނީ އަސާސްތަކާ ހިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް އަމިއްލައަށް ކޯޓު އަމުރު ނެރެފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަސަން ނަޖީބު މަގަމުން ވަކި ކުރަނީ އޭނާ ކުރި އަމަލުތަކަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ގާނޫނުގެ 32 މާއްދާގެ (ހ) ގެ 5 އަދި 10 ނަންބަރުގެ އިތުރުން ަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9، 7.1 އަދި 7.2 އާ ހިލާފު އަމަލު ތަކަކަކސް ވާތީއެވެ. އަދި އޭނާއަށް ފިޔަވަޅު އަޅާނީ ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހީގެ 4 ވަނަ ނަންބަރުގެ ދަށުންނެވެ.

މީގެ އިތުރުން ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން އަދި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައެވެ.

އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓް އަހްމަދު މުއަވިޔަތު ގާސިމަށް ފިޔަވަޅު އަޅަނީ އެ ކޯޓަށް މައްސަލައެއް ހުށަހެޅު ފަރާތަކާ މެޖިސްޓްރޭޓް ބައްދަލުކޮށް، ވައިބާ މެދުވެރިކޮށް މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމާ ގުޅިގެންނެވެ. އަދި ކޯޓުން މައްސަލަ ބަލައިގަނެ، މައްސަލަ ކުރިއަށް ގެންދިއުމުގައި އެފަރާތަށް މެޖިސްޓްރޭޓްގެ ފަރާތުން މައުލޫމާތުތަކެއް ދީފަިއވާ ކަމަށް ޖޭއެސްސީން ބުނެއެވެ. އެހެންކަމުން މެޖިސްޓްރޭޓް މުޢަވިއަތަށް ނަސޭހަތްދިނުމާއެކު ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ނިންމުމަށް އަންގާފައެވެ.

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ލަތީފާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަން ނިންމާފައި ވަނީ އެ މެޖިސްޓްރޭޓް ތަނާޒުލްވާން ޖެހޭ ކަމެއްގައި ތަނާޒުލްނުވެ ކުރިއަށް ގެންދިޔަ މައްސަލައެކެވެ. މި މައްސަލަ ތަހުގީގު ކުރަން ނިންމާ، ޖޭއެސްސީން ވަނީ ތަހުގީގުކުރާނެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ.