އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ 3-4 އަކުން ޗެލްސީ ބަލިކޮށް ރެލިގޭޝަނާ ދެކޮޅަށް ވެސްޓް ހޭމް ކުރަމުން އަންނަ ހަނގުރާމައިގައި މުހިއްމު ކާމިޔާބީއެއް ހޯދައިފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗްގެ ފުރަތަމަ ލަނޑު ޖެހީ ވެސްޓް ހޭމްގެ ސޫޗެކްއެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވީ.އޭ.އާރްއިން ވަނީ އެލަނޑަކީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. އެއަށް ފަހު ދެން ލަނޑު ޖެހީ ޗެލްސީއިންނެވެ. ލިބުނު ޕެނަލްޓީއަކުން އެ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަންއެވެ.

މެޗުގައި ވެސްޓް ހޭމްއަށް އެއްވަރުކޮށް ދިން ލަނޑު ޖެހީ ވެސް ސޫޗެކް އެވެ. ނަގައިދިން ކޯނަރަކުން ބޮލުން ޖެހާ ގޯލުގެ ތެރެއަށް އޭނާ ވައްދާލި މިލަނޑާއެކު މެޗުން މޮޅުވުމަށް ވެސްޓް ހޭމް ކުރަމުން ދިޔަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބުނެވެ.

ދެވަނަ ހާފްގައި ވެސް ތިން ލަނޑު ފެނުނު އިރު ފުރަތަމަ ލަނޑު ޖެހާ 2-1 އެއްގެ ލީޑު ނެގީ ވެސްޓްހޭމްއެވެ. އެޓީމަށް މި ގޯލް ކާމިޔާބުކޮށް ދިނީ މިކެއިލް އެންޓޯނިއޯއެވެ. އެހެން ނަމަވެސް ވިލިއަންގެ ހިތްގައިމު ހިލޭ ޖެހުމަކުން މެޗުގެ 72 ވަނަ މިނެޓްގައި ޗެލްސީ 2-2 އަކަށް ސްކޯ ހަމަހަމަ ކުރިއެވެ.

ރޭގެ މެޗުގައި ވިލިއަން ދެ ލަނޑު ޖެހި

މި މެޗް އެއްވަރު ވެގެން ނިމޭނެ ކަމަށް ބެލެވުނު އިރު އުފެއްދި ކައުންޓާ އެޓޭކެއްގައި 3-2 އަކުން މެޗް ކާމިޔާބުކުރި ލަނޑު ވެސްޓް ހޭމްއަށް ޖަހާ ދިނީ ޔޫކްރެއިންގެ ފޯވަޑް އެންޑްރިއޭ ޔަރްމަލެންކޯއެވެ.

ސީޒަން އަލުން ފެށި ފަހުން ކުޅުނު ދެ މެޗުން ވެސް ދަށްވެފައި އޮތް ވެސްޓް ހޭމްއަށް ރޭގައި ލިބުނު ކާމިޔާބީއާއެކު އެޓީމު މިވަނީ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ދުރަށް ޖެހިލާފައެވެ.

އަނެއްކޮޅުން، ރޭގެ ބައްޔަކީ ގަދަ ހަތަރެއްގައި ސީޒަން ނިންމާލުމަށް ޗެލްސީއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގޮންޖެހުމެކެވެ.