މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އެ ގައުމުން ފޮހެލެވުމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ރަށްވެހިން، އާދަޔާ ހިލާފު ބޮޑު ޖާފަތެއް ބާއްވައިފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ތަންފީޒު ކުރަމުންދިޔަ ފިޔަވަޅުތަކަށް ލުއި ދެމުން ގޮސް، އާންމު އެއްވުންތަކަށް ފުރުސަތު ހުޅުވާލުމާއެކު ޕްރާގްގެ ރަށްވެހިން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރި ސުފުރާ މޭޒުގެ ދިގުމިން 1600 ފޫޓަށް ދެމިގެންދިޔައެވެ. ސިޓީގެ މަގުތަކާ، މަޝްހޫރު ޗާލްސް ބްރިޖު މަތިން ހުރަސްކުރި މިމޭޒުގެ ދެ ފަރާތުގައި ރަށްވެހިން އުފާފާޅުކުރަމުން ދިޔައީ ވައިރަހަށް ޖެހިލުމެއް ނެތިއެވެ.
ޗެކް ރިޕަބްލިކަކީ ކޮވިޑް-19ގެ ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރަން ފެށި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މީގެ އިތުރުން މާސްކަކީ މަޖުބޫރު މާއްދާއެއް ކަމުގައި ކަނޑައެޅި ފުރަތަމަ ގައުމުތަކުގެ ތެރޭގައިވެސް މި ގައުމު ހިމެނެއެވެ. މިއާއެކު އެހެން ގައުމުތަކަކާ ހިލާފު ހަލުވި މިނެއްގައި ޗެކް ރިޕަބްލިކުން ކޮވިޑް-19 "ފޮހެލުމަށް" އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފުރުސަތު ތަނަވަސްވިއެވެ.
ކަންމިހެން އޮތް ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ނިމެން އަދި ގާތްވެސް ނުވާ ކަމުގެ އިންޒާރުގެ ރަނގަބީލު ޖަހާފައެވެ. ޗެކް ރިޕަބްލިކުން މި އަޑުވެސް އެހިއެވެ. އެގޮތުން، ގައުމުން ބޭރު އެއްވެސް މީހަކަށް ނުވަދެވޭނެހެން އެގައުމުގެ ބޯޑަރު އަދިވެސް އޮތީ ބަންދު ކޮށްފައެވެ.
ބޮޑު ޖާފަތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ޕްރާގްގައި ކެފޭއެއް ހިންގަމުން އޮންދްރޭޖް ކޮބްޒާއެވެ. އޭނާ ބުނި ގޮތުގައި އިވެންޓްގައި ބައިވެރިވި ކޮންމެ މީހަކަށްވެސް ޒިންމާއެއް އޮތެވެ. އެއީ ކާއެއްޗެއް ހަދިޔާ ކުރުން ނުވަތަ މާ ބޮނޑިއެއް ގެނެސް ތަން ޒީނަތްތެރި ކުރުން ފަދަ ޒިންމާތަކެކެވެ. މަގުސަދަކީ އެންމެންގެ ބައިވެރިވުން އޮތުމެވެ. އަދި އެކަކު އަނެކަކާ ބައްދަލުވުމުގެ ބިރެއް މިހާރު ނެތްކަން އަންގައިދިނުން ކަމަށްވެސް، އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ކެފޭ އޯނަރު ވަނީ ފާހަގަކޮށްފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު، ގާތްގަނޑަކަށް 10 މިލިއަނެއްހާ މީހުން ދިރިއުޅޭ ޗެކް ރިޕަބްލިކުން ކޮވިޑް-19އަށް ޕޮޒިޓިވްވީ 12000 އެއްހާ މީހުންނެވެ. މި ބަލީގައި އެގައުމުން މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 349 ޕޭޝަންޓުންނެވެ. މިއީ ޗެކް ރިޕަބްލިކްގެ އަވަށްޓެރި، ވިލާތުގެ އެހެން ގައުމުތަކާ އަޅާ ކިއާއިރު ނިސްބަތުން ދަށް އަދަދުތަކެކެވެ.