ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި 4 ތަނެއް ފާސްކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މި މައްސލަަގައި އޭސީސީ، އެސެޓް ރިކަވަރީ ކޮމިޝަން އަދި މީރާ ގުޅިގެން މާލެ އަދި ހުޅުމާލޭގައި 4 ތަނެއްގައި ސާޗް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. ފުލުހުން މި އޮޕަރޭޝަނުގެއ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން އޭސީސީން 'ދަ ޕްރެސް' އަށް ބުނީ، މި އޮޕަރޭޝަން މިހަރު ކުރިއަށްދާތީ އިތުރު ތަފްސީލެއް ކާމަ ކުރެވެން ނެތް ކަމަށާއި، އޮޕަރޭޝަން ނިމުމުން ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.

އެމްއެމްޕީއާރްސީއާއި، ޓޫރިޒަމް މިނިސްޓްރީން، ރަށްތައް ކުއްޔަށް ދޫކޮށްގެން ހިންގާފައިވާ މި ހިޔާނަތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. މީގެ ތެރެއިން ޒިޔަތާއި އަދީބުގެ މައްޗަށް އިއްވި ހުކުމް ގޭގަިއ ތިއްބަވައިގެން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަވައިގެންމެވެ.

މި ހިޔަނާތުގައި، 18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައިވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އެމްއެންޕިއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެ މުއައްސަސާގެ ވަޒީފާގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު އޭރުވެސް ވިދާޅުވެފައި ވެއެވެ.

ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ސީޕީ އޭރު ވިދާޅުވެފައި ވެއެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ މުއައްސަސާގައި ތިބި އެކި ރޭންކުތަކުގެ މީހުން ހިމެނޭ ގޮތަށް ހިންގަވާނެ ކަމަށްވެސް އޭރު ސީޕީ ވިދާޅުވެފައި ވެއެވެ. ނަމަވެސް މިއިން އެއްވެސް ތަހުގީގެއް ކުރިއަށް ދާ ގޮތުގެ މައުލޫމާތެއް ހާމަ ނުކުރައްވާ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުން ހުރި 5 ފުލުހަކު ވަނީ ދާދި ފަހުން މަސައްކަތުން އެކަހެރި ކޮށްފައެވެ.