ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހުގެ އާންމު ކޮމެޓީއިން ފާސްކޮށްފައި ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ދީފައިވާ ލަފާގެ އެއްބައި ހިމެނުމުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގައި 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިން ނުހިމެނޭ ގޮތަށް މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އާއްމު ކޮމެޓީން ފާސްކުރީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. އެގޮތަށް މަޖިލީހުގެ ގަވާއިދު ފާސްކުރަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، [އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން] ހިމެނޭހެން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

ކޮމެޓީން އެ މާއްދާ އަށް ގެނެސްފައިވާ އިސްލާހަކީ މަޖިލީހުގެ ވެބްސަައިޓުގައި މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރާއިރު 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައި ނުހިމެނުމަށެވެ. މިހާރު ގަވާއިދުގައި ބުނެފައިވަނީ 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައިވެސް ހިމަނައިގެން މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

މިކަން ދިރާސާ ކުރިއިރު ކޮމެޓީން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލްގެ އޮފީސް އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސް ލަފާ ވެސް ހޯދާފައެވެ.

ނަމަވެސް އާއްމު ކޮމެޓީން އިސްލާހު ފާސްކުރިއިރު ޓްރާންސްޕޭރަންސީ އިން ހުށަހެޅި ލަފާގެ އެއްބައި ހިމެނުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއިން ދިން ލަފާގެ އެއްބައި ރިޕޯޓުގައި ހިމެނުމުން އެ ޖަމިއްޔާއިން ދިން ލަފާގެ މުޅި މާނަ ގެއްލިގެންދާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ދިން ލަފައާ މެދު އޮޅުން އަރާނެ ކަމަށްވެސް އެ ޓްރާންސްޕޭރަންސީން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މިނިވަންކަން ޔަގީން ނުކުރެވޭ އުސޫލެއް ގާއިމް ނުކުރެވޭ ހާލަތެއްގައި އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ ބަޔާންތައް ހާމަކުރަން ވާނެ ކަމަށެވެ.

މާލީ ބަޔާން ހާމަކުރުމުގެ ހަރުދަނާ ނިޒާމެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ބާރު ފޯރުވާ ފަދަ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުވުމާއި، ނުހައްގު މުއްސަނދިކަން ހުއްޓުވުމާއި، ރިޝްވަތު ދިނުން ފަދަ އެހެނިހެން ފަސާދަ ހުއްޓުވުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެެހެންކަމުން، މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމުގައި އަނބިން ނުވަތަ ފިރިން، އަދި ދަރިންގެ މާލީ ބަޔާން މިނިވަންކަމާއެކު ޔަގީން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކާ ނުލާ އެބަޔާންތައް ހާމަ ނުކުރުމަކީ ފަސާދަ ހުއްޓުވުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލްކުރުމަށް އެޅޭނެ ހުރަހެއް ކަމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.