މިއަދު ކޮވިޑަށް 24 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 17 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ދެމެދު 24 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2361 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 24 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި، ބަންގްލަދޭޝް ހަތް މީހުންނާއި އިންޑިއާގެ ހަ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެގޮތުން ޖުމްލަ ބަލީން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 1944 އަށް އަރާފައެވެ. އަދި މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 403 މީހުންނެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 134 މީހުން އަދި އައިސޮލޭޝަންގައި ތިބީ 275 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި މިއަދު މަރުވި އުމުރުން 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނެކެވެ. ހަމައެއާއެކު 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 13 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 831 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1226މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 220 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 43 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައި ވެއެވެ.