ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމަށްފަހު ރަސްމީކޮށް އެ އޮފީސްތައް ހުޅުވާ ދުވަސް ފަސްކޮށްފިއެވެ.

މާދަމާއަކީ ރަސްމީކޮށް ސަރުކާރު އޮފީސްތައް ހުޅުވާލަން ހަމަޖެހިފައިވާ ދުވަހެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ކުރިއަށް އޮތް ދެދުވަހަކީވެސް ސަރުކާރު އޮފީސްތަކުގައި ކޮންމެ ހެން ކުރަންޖެހޭ ކަންކަން ކުރުމަށް ހުޅުވާ ދެދުވަސް ކަމަށް މިހާރު ނިންމާފައެވެ.

އެ ގޮތުން ކުރިއަށް އޮތް ދެ ދުވަހު އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު، އާންމުކޮށް ހުޅުވާ ނުލި ނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާއަކުން ދިނުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ހިދުމަތް ދޭންޖެހިއްޖެ ނަމަ އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިންމިގޮތަށް އަމަލު ކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ހިދުމަތްތައް ދޭ އިރު އެ އޮފީހަކުން ދެމުންދާ ހިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އަނަގައި އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރުމަށް ރައީސް އޮފީހުން އަންގައެވެ. އަދި ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ހިދުމަތްތައް ގޭގައި ތިބެގެން ދިނުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށް ވެސް ރައީސް އޮފީހުން އަންގައެވެ.