މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ފެށުން އައި ގޮތް ފުރިހަމައަށް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވަފުދެއް ޗައިނާއަށް ފޮނުވާލުމަށް ނިންމާފައިވާކަން، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ހާމަ ކުރައްވައިފިއެވެ.

ޑަބްލިއުއެޗްއޯއިން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ޕްރެސް ބްރީފްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ ވައިރަހުގެ ފެށުމަކީ ކޮބައިކަން ދެނެގަތުން އިންތިހާއަށް މުހިންމު ކަމަށެވެ. ވައިރަހާ ބެހޭ ފުރިހަމަ މައުލޫމާތު ހޯދެން އޮތީ ވައިރަހާ ބެހޭ ހުރިހާ އެއްޗެއް އެނގިގެން ކަމަށާ، އޭގެ ތެރޭގައި ވައިރަސް ފެށިގެން އައި ގޮތްވެސް ހިމެނޭ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ނިޝާން ޖަހާފައި ދޮރެއް/ފޮޓޯ: ފެބްރީސް ކޮފްރީނީ

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވިދާޅުވީ ވައިރަހުގެ ފެށުން އައި ގޮތެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ތައްޔާރު ވުމުގެ ގޮތުން އެ އިދާރާގެ ޓީމެއް އަންނަ ހަފުތާގައި ޗައިނާއަށް ދަތުރުކުރާނެ ކަމަށެވެ.

ވައިރަހުގެ ފެށުން އައި ގޮތް ދެނެގަނެވި، ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް މި ދަތުރުގައި ކާމިޔާބީތަކެއް ހާސިލުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ދުނިޔެ އަދު ދެކެމުން މިދާ ކޮވިޑް-19ގެ ބަލިމަޑުކަން ނިމެން އަދި ގާތްވެސް ނުވާ ކަމުގެ އިންޒާރުވެސް ޑރ ޓެޑްރޯޒް ވަނީ ދެއްވާފައެވެ. މިއަދަކީ ކޮވިޑް-19ގެ ފުރަތަމަ ކޭހުގެ ރިޕޯޓްތައް ޑަބްލިއުއެޗްއޯއަށް ކުރިތާ 6 މަސްދުވަސް ހަމަވާ ދުވަހެވެ.