މާދަމާ ސަރުކާރު އޮފީސްތައް ރަސްމީކޮށް އަލުން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިއު ނޯމަލްގެ ދަށުން މާދަމާ ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިމެނޭއިރު، އެތަންތަނުން ހިދުމަތް ދޭން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީމ މާދަމައިން ފެށިގެން އެންއީއޯސީގެ މަސައްކަތްތަކަށް ލުޔެއް ދޭނެ ކަމަށެވެ. އެގޮތުން، އެންއީއޯސީގެ މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެމަނިކުފާނު ވަނީ މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ސަރުކާރު އޮފީސްތައް އަލުން ހުޅުވުމަށް ނިންމާފައިވާއިރު، ކޮވިޑް-19ގެ ނުރައްކާބޮޑުވެ، ސަރުކާރު އޮފީސްތައް ބަންދުކުރީ، މިދިޔަ މާޗް 19 ވަނަ ދުވަހެވެ. އަދި މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމާއެކު މޭ 30 އިން ފަށައިގެން ޒަރޫރީ ބޭނުންތަކަށް ސަރުކާރު އޮފީސްތައް ވަނީ ހުޅުވަން ނިންމާފައެވެ.