މިއަދު ކޮވިޑަށް 13 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއަދު 16 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ދެމެދު 13 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2337 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި، ބަންގްލަދޭޝް ހަތް މީހުންނާއި އިންޑިއާގެ އެކަކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެގޮތުން ޖުމްލަ ބަލީން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 1927 އަށް އަރާފައެވެ. އަދި މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 397 މީހުންނެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 132 މީހުން އަދި އައިސޮލޭޝަންގައި ތިބީ 303 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 36 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 820 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1219 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 214 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 43 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައި ވެއެވެ.