ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފިއެވެ.

ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފައި ވަނީ އެ ރަށުގެ އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް ކަމަށް ބިއެމްއެލުން ބުނެއެވެ.

"ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑްކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭކަމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން."
މުހައްމަދު ސައީދު

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ތިމާވެއްޓާ ރަށްޓެހި ޕްރޮޖެކްޓަތަކަށް ބީއެމްއެލުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށާއި ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި މި ޕްރޮޖެކްޓްގެ ސަބަބުން ބައެއް ފަހަރު އިންޖީނުގެއަށް ލޯޑުކުޑަކުރުމަށް ކަރަންޓް ކަނޑާލެވޭ ވަގުތުތަކުގައި ވެސް ކުމުންދޫ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެ ކަމަށް މި ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އަމީން މުހައްމަދު ވިދާޅުވިއެވެ.

"މިހާރު މިރަށުގެ އާންމު ތަންތަނަށް ކަރަންޓް ދިނުމަށް ހޭދަކުރާ މިންވަރުން 20 ޕަސެންޓް ކުޑަވެގެން ދާނެކަމަށް ގަބޫލްކުރެވޭ. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން."
އަމީން މުހައްމަދު

ބީއެމްއެލުން ބުނީ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށެވެ. އެގޮތުން މި އަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައީ ކަމަށް ވެސް ބިއެމްއެލުން ބުނެއެވެ.