އަފްގާނިސްތާނުގެ ހިލްމަންދު ޕްރޮވިންސްގައި ނާމްސޫފީގެ ވިޔަފާރި ކުރަމުން ދިޔަ ބާޒާރަކަށް އަމާޒުކޮށްގެން ދިން ރޮކެޓް ހަމަލާތަކުގައި އާންމުންގެ 23 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އަފްގާނިސްތާނުގެ ސަރުކާރާ، ތޯލިބާނު ޖަމާއަތުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ހާފުތާ ބާޒާރު އުސޫލުން އަނގަމަތި ހާމައަށް އޮންނަށް ހުސް ބިމެއްގައި ބާޒާރުގެ ގަނެވިއްކުމުގެ ވިޔަފާރި ކުރިއަށްދިޔަ ވަގުތު ރޮކެޓް ހަމަލާގެ ޒިންމާ، އަފްގާނިސްތާނުގެ ސަރުކާރާ ތޯލިބާނު ޖަމާއަތުން އަޅުވަމުންދަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައެވެ.

ނަމަވެސް މި ހަމަލާއަކީ ކަނޑައެޅިގެން ކޮން ބައެއްގެ ހަމަލާއެއްކަން އަދި ކަށަވަރެއް ނުވެއެވެ.

ސާންޖީން ޑިސްޓްރިކްޓްގައި ހިންގާ ބާޒާރަށް ހަމަލާ އަމާޒުވި ވަގުތަކީ ކައިރި އަވަށްތަކުން އެތައް ސަތޭކަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވާ ވަގުތެއް ކަމަށް ޚަބަރު ލިބެއެވެ.

އަފްގާނިސްތާނުގައި މިހާރު އޮތް ސަރުކާރާ، ސަރުކާރާ ދެކޮޅު ތޯލިބާނު ޖަމާއަތާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާއިރު، އދއިންވަނީ ދެ ފަރާތުންވެސް ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.