ޕާކިސްތާނުގެ ވިޔަފާރި މަރުކަޒީ ސިޓީ ކަމަށްވާ ކަރާޗީގައި ހުންނަ ޕާކިސްތާނު ސްޓޮކް އެކްސްޗޭންޖު އިމާރާތަށް ބަޑީގެ ހަމަލާތަކެއް ދީ، 5 މީހުން މަރާލައިފިއެވެ.

ސަރަހައްދީ ފެންވަރުގައި ހިލޭސާބަހަށް ހަރަކާތްތެރިވާ އީދީ ރެސްކިއު ސެންޓަރުގެ އޮފިޝަލެއް ކަމަށްވާ، މުޙައްމަދު އަޒީމު ބުނި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންނާ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންވެސް ހިމެނެއެވެ.

ހަމަލާ ދިނީ އިމާރާތުގެ ގޯތިތެރެއަށް ވަދެގެން އައި 4 މީހުންގެ ގުރޫޕަކުން ކަމަށާ، އެ 4 މީހުންވެސް މިހާރު މަރާލާފައިވާކަމަށް ޕާކިސްތާނުގެ ސްޓޮކް އެކްސްޗޭންޖް (ކޭއެސްއީ)ގެ ޑައިރެކްޓަރު އާބިދު ޢަލީ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމީހުން އިމާރާތުގެ ގޯތިތެރެއަށް ވަދެގެން އައީ ޕާކު ކުރަން ހާއްސަކޮށްފައިވާ ސަރަހައްދުން ކަމަށާ، އިމާރާތަށް ވަންނަން އޮންނަ ސަރަހައްދަށްވެސް ގްރެނޭޑް ހަމަލާއެއް ދީފައިވާކަމަށެވެ. ހަމަލާ ދިން މީހުން ތިބީ، ފުލުހުން އަޅާ ޔުނީފޯމު ޒާތަށް ހުންނަ ހެދުމެއް އަޅައިގެން ކަމަށްވެސް ޢަލީ ވަނީ ވިދާޅުވެފައެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ބަލޫޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ) އިންވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ.

މިއަދުގެ ހަމަލާ އަމާޒުވި ކޭއެސްއީއަކީ ޕާކިސްތާނުގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ހިއްސާގެ ބާޒާރެވެ. ބޮޑެތި ބޭންކުތައްވެސް މިތަނުގައި އޮޕަރޭޓްކުރާއިރު، މިއީ އާންމުކޮށް ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ އިމާރާތެކެވެ.