ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި ހާލު ސީރިއަސް ވުމުގެ ސަބަބުން ނޭވާލާން ދަތިވެފައިވާ މީހުންގެ ފުރާނަސަލާމަތް ކުރުމަށް އޮކްސިޖަން ދޭން ބޭނުން ކުރާ "އޮކްސިޖަން ކޮންސަންޓްރޭޓާ"ގެ ސަޕްލައި ދަށްވަމުންދާ މިދަނޑިވަޅުގައި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް މި އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރަމުންދާކަން އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ކޮވިޑް-19ގައި ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް ނޭވާލާން ދަތިވާ ހިސާބަށް ދިއުމުން އޮކްސިޖަން ގުޅައިގެން ފަރުވާ ދެއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، އޮކްސިޖަން ކޮންސަންޓްރޭޓާ ހޯދުމުގައި ގިނަ ގައުމުތަކަކަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށާ، މިހާރު ސަޕްލައިއަށްވުރެ ޑިމާންޑް އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ޑރ ޓެޑްރޯޒް ވިދާލުވީ އޮކްސިޖަން ކޮންސަންޓްރޭޓާ އުފައްދާ ކުންފުނިތަކުން ޑަބްލިއުއެޗްއޯއަށް 14000 ޔުނިޓް ގަނެފައިވާނެ ކަމަށާ، ކުރިއަށް އޮތް ހަފުތާތަކުގައި 120 ގައުމަކަށް މި ތަކެތި ސަޕްލައި ކޮށްދޭނެ ކަމަށެވެ. ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަހުގެ ތެރޭގައި 100 މިލިއަން ޑޮލަރަށްވާ 170000 ޔުނިޓް ލިބޭނެ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ހާމަކުރައްވާފައެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، ޕޭޝަންޓްގެ ލޭގައި އޮކްސިޖަން ދައުރުވަމުންދާ މިންވަރު މޮނިޓާ ކުރުމަށް ބޭނުން ކުރާ ޕަލްސް އޮކްސިމީޓަރުގެ 9800 ޔުނިޓްވެސް ޑަބްލިއުއެޗްއޯއަށް ގަނެފައިވާނެ ކަމަށާ، އެތަކެތި ޝިޕް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ކޮވިޑް-19ގައި ހާލު ސީރިއަސްވާ ބައެއް ޕޭޝަންޓުންނަކީ ބާޒާރުގައި އާންމުކޮށް ވިއްކާ އޮކްސިޖަން ކޮންސަންޓްރޭޓަރުން ފޯރުކޮށްދޭ އޮކްސިޖަންއިން ފުދޭ ޕޭޝަންޓުން ނޫން ކަމަށްވާއިރު، ގިނަ އަދަދަކަށް އޮކްސިޖަން ފޯރުކޮށްދޭނެ އާލާތްތައް ހޯދުމުގައިވެސް ޑަބްލިއުއެޗްއޯއިން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ޑރ ޓެޑްރޯޒް ވަނީ ހާމަކުރައްވާފައެވެ.

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ސްޓެޓް

ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ކުރިޓިކަލް/ސީރިއަސް ހާލުގައި 504613 ޕޭޝަންޓަކު އެބައޮތެވެ. ކޭސްތައް އިތުރުވަމުންދަނީ އިންތިހާ ހަލުވި މިނެއްގައެވެ. ހަފުތާއަކު މިލިއަނެއްހާ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.