ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ފުލުހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ދެ މީހުން ހައްޔަރުން ދޫކޮށްލީ މަޖިލިސް މެންބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި މިވަނީ މައްސަލާގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމަށްފަހު އެމީހުން ދޫކޮށްލުމުން އާއްމުން އެކަމާ ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އެ މައްސަލައިގެ ޝާމިލުވާ މީހުންގެ ވަނަވަރު އާއްމު ކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ މަޖިލިސް މެންބަރެއްގެ ފިރިމީހާ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅާފައިވާ ކުއްލި މައްސަލައަށް މެންބަރަކު ބަހުސް ކުރެއްވުމަށްފަހު އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހައްޔަރަށް މީހަކު ގެންދިއުމާއި އަދި ހައްޔަރުން މީހުން ދޫކޮށްލުމަކީ މަޖިލީހުގެ މެންބަރެއްގެ ބާރުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. މެމްބަރެއްގެ ފިރިކަލަކަށްވާތީ މައްސަލާގައި ޝާމިލުވާ މީހަކު ދޫކޮށްލެވުނު ކަމަށް ބުނަނަނީ މެމްބަރު ހުންނެވި ޕާޓީ އާއި ވާދަވެރި ޕާޓީތަކުގެ މެމްބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އޭނާ ހައްޔަރުގައި ނެތުން އެއީ މަޖިލިހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މަޖިލީހުގެ މެންބަރެއް ކަމަށްވީ ނަމަވެސް އަދި ދައުލަތުގެ އެހެން އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވީ ނަމަވެސް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

"ހާއްސަކޮށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތަހުގީގުތަކުގައި މަޖިލިހުގެ އެއްވެސް މެމްބަރަކު، އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ވެސް ކަމަކާ ހަވާލުވެ ހުރި މީހަކަށް ވެސް، އިރުޝާދެއް ދިނުން ވެސް ލަފައެއް ދިނުން ވެސް، މައުލޫމާތެއް ހޯދުމަށް ވެސް، ފޯނުކޮށް ހަދައި ގުޅުއްވުމަކީ ރަނގަޅު ކަމެއް ނޫން،"
ނަޝީދު

އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމަކީ [ފުލުހުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅުން] މަޖިލީހުގެ ރިޔާސަތުން އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތް ކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހާއިރު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ ޑޮކްޓަރަށްވެސް ދައްކާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.