"މިކާޝް... މިކާޝް.."

އޭނާގެ ނަމުން މީހަކު ގޮވާ އަޑު އިވޭތީ ކުރިއަށް ފިޔަވަޅު އަޅާލީ ހިނިތުންވަމުންނެވެ. އަޒްކާ ގޮވާލުމުން އޭނާ އެތަނަށް އައީ ވަގުތާ ހާލަތާ މެދު ވިސްނާލުމެއް ނެތިއެވެ. ގަސްތަކުގެ ތެރެއިން އޭނާ އަބަދުވެސް އަޒްކާއާ ބައްދަލުކުރަން ދާ ސަރަހައްދަށް ގޮސް ހުއްޓުނު އިރު ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ އިހްސާސް އޭނާއަށް ކޮށްފިއެވެ.

ކުރިއަށް ދާން ނުދާން ކަހަލަ ގޮތަކަށް ހުރެ އޭނާ ވަށައިގެން އެ ސަރަހައްދަށް ބަލާލީ ހިތަށް އެތައް ވަހުމެ ވެރިވާން ފެށުމުންނެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލި ވަގުތު އެ އަންހެން ކުއްޖާގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން އެ ހުރި ފިޔަވަޅު މައްޗަށް އޭނާ ހުއްޓުނެވެ. ސިކުނޑީގައި އެނބުރިގަތް ހައިޖާނުގަނޑާ އެކު މިވާން އުޅެނީ ކިހާވަރެއްގެ ކަމެއް ކަން ދެނެގަންނަން އޭނާއަށް އެނގުނު ކަހަލައެވެ. އަމިއްލަ މިހާގެ ހަށިގަނޑު ނުރައްކަލެއްގެ ތެރެއަށް ދާން ބޭނުން ނުވި ނަމަވެސް އޭނާއަށް އެ އަންހެން ކުއްޖާ ގޮވަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވީމަކަން އޭނާއަށް އެނގުނެވެ. ހިތުގެ އެއް ކަނަކުން އެތަނުން ދުރަށޭ ގޮވަމުން ދިޔަ ނަމަވެސް ވެގެން އުޅޭ ގޮތެއް ބަލަން ދާން އޭނާ ބޭނުންވިއެވެ.

ފުން ވިސްނުމެއްގައި ހުރި ލިވިއަސްގެ ނަޒަރު އެވަގުތު ހުސްކޮށްލެވުނީ ތަންކޮޅެއް ދުރުގައި އޮތް ހުސްބިމާ ދިމާއަށެވެ. އެތަނުގައި އަލިފާންގަނޑެއް ޖަހައިގެން ބަޔަކު ތިބި ތަން ފެނުމުން އެއީ ރަނގަޅު ފާލެއް ނޫން ކަން ދެނެގަންނަން އެނގުނެވެ. އެމަޅީގައި ޖެހެން ބޭނުން ނުވާތީ ލިވިއަސް ފަސްފަހަތަށް ފިޔަވަޅު އަޅަން ފެށީ ހިތުގައި އަށަގަންނަމުން ދިޔަ ބިރުވެރިކަމުގެ ވަހުމެއްގެ ބޮޑުކަމުންނެވެ.

މާ ދުރުގައި ހުރި އިރުވެސް އަލިފާނުގެ ހުޅުގަނޑު ބޮޑުވެގެން ދިޔަ ތަން ލިވިއަސްއަށް ވަރަށް ރީތިކޮށް ފެނުނެވެ. އޭރު އޭނާގެ ކަންފަތުގައި ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑު ޖެހުމުން ދެލޯ ބޮޑު ކޮށްލެވުނީ ކަންތައް މާ ރަނގަޅު ނޫން ކަން އެނގުމުންނެވެ. އުންމީދު ކުރިވަރަށް ވުރެ އަވަހަށް އެމީހުން އޭނާއާ އިދިކޮޅަށް ހަތިޔާރު ބަހައްޓައިފި ކަން އެނގުމުން އެކަމުން މިންޖުވާން ހަދާނެ ގޮތަކާ މެދު ވިސްނަން އޭނާއަށް މަޖުބޫރު ވިއެވެ. އަޒްކާގެ ގޮވުމުގެ އަޑަށް އޭނާއަށް މިއާދެވުނީ އަމިއްލަ މިހާ ހަލާކެއްގެ ތެރޭ ބަނދެވެންކަން ކުރިން އެނގުނު ނަމަ އޭނާ މިރެއަކު އެތަނަކަށް ނާންނާނެއެވެ.

ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ލިވިއަސް ދުއްވައިގަތީ އޭނާގެ ފަޔަށް ބާރު ލަމުންނެވެ. އެ ތަނުން ދުރަށް ދާން ބޭނުންވެގެން އޭނާގެ ބާރުގެ ބޭނުން ކުރަން ބޭނުންވެގެން ގެނައި ހަރަކާތްވެސް ވީ ބޭކާރެވެ. ބާރުގެ ބޭނުން ނުކުރެވޭ ގޮތަށް އޭނާ ވަނީ އެ މަޅީގައި ހައްޔަރުވެފައެވެ. ނަމަވެސް އެތަނުން ސަލާމަތްވާން އޭނާ ކުރަމުން ދިޔަ މަސައްކަތައް ހުއްޓުމެއް ގެންނާކަށް ބޭނުމެއް ނުވިއެވެ.

ދުރުގައި އަލިފާންގަނޑެއް ޖަހައިގެން އެތަނުގައި ވަށައިގެން ކިޔަވަން ތިބި މީހުންތަކުގެ އަޑުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އެތަނުން ދުރަށް ދާން ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހި މީހާގެ ހަރަކާތް ހުއްޓުމަކަށް އައީ އޭނާގެ އިހްތިޔާރަކުން ނޫން ކަން އެނގުނެވެ.

ފަސް އެނބުރި އެ ދިމާއަށް ލިވިއަސް ބަލާލި އިރު އޭނާގެ ރަތް ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. މޫނުމަތިން ލިވިއަސް އައިސްފައި ހުރި ރުޅިގަނޑު ދޭހަވިޔަސް އެތަނުގައި ތިބި މީހުންނަށް އަދި އޭނާ ނުފެންނާނެ ކަން ކަށަވަރުވިއެވެ. އެމީހުންގެ ލޯ މައްޗަށް ފާޅުވުމުގެ ބާރު އޭނާއަށް ލިބިފައި ވީ ނަމަވެސް އެކަން އޭނާއަށް ހިފެހެއްޓޭނީ ކިހާ ވަގުތަކު ކަމެއް ނޭނގެއެވެ.

ކުރިއަށް ދާން އޭނާ ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅީ ނޭނގޭ ބާރަކުންނެވެ. އެ އަލިފާންގަނޑު ދޮށުގައި ތިބި މީހުންނާ ދިމާއަށް އޭނާގެ ހަށިގަނޑު ގެންދަން ފެށުމުން ގަޔަށް ބާރުލަމުން ލިވިއަސް ހަޅޭއްލަވައިގަތީ ގޮތް ހުސްވެއްޖެ ކަމުގެ އިހްސާސެއް އޭނާއަށް ކުރުމުންނެވެ. އިސް އުފުލާލައި، މައްޗަށް ބަލާލަމުން އޭނާގެ އަނގަ ތަންމިނަށް ހުޅުވާލުމަށްފަހު ވޭނީ އަޑަކުން ހަޅޭއްލަވައިގަތް ވަގުތު ރަތްވިލާތަކުން ފުރާލާފައިވާ ފަޒާގެ ތެރެއިން ވިދުވަރެއްގެ ނިޝާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު ނުބައި ވިހަ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރި ކުރުވަމުން އަލިފާންގަނޑު ދޮށުގައި ތިބި މީހުންނާ ދިމާއަށް ބޯއަރިކޮށްލަމުން ބަލާލީ މަލާމާތް ކުރާ ޒާތަކަށެވެ. އެމީހުންގެ ނިމުން އަންނަނީ ކަން އޭނާއަށް އެނގުނެވެ. ލިވިއަސް އެތަނުން ސަލާމަތް ވާނެކަން އޭނާއަށް ކަށަވަރު ވީއެވެ. ކުރިން ލިވިއަސްގެ މޫނުމަތިން ފާޅުވި ބިރުވެރިކަން ފިލައިގެން ގޮސްފައިވާ ކަހަލައެވެ. މިހާރު އެ މޫނު މަތިން ފެންނަމުން ދިޔައި ބޮޑާކަމާއި ކިބުރުވެރިކަމެވެ.

ވެލިގަނޑުމަތީ ކޫއްތަމުން ކަހަލަ ގޮތަކަށް އަލިފާންގަނޑެއް ޖަހައިގެން އެތާ ކިޔަވަން ތިބި މީހުންގެ ކައިރިއަށް ލިވިއަސްގެ ހަށިގަނޑު ގެންދިޔަ އިރު އޭނާގެ ނަޒަރު ހުސްކޮށްލާފައި ވަނީ ބޯމަތިން ފުނިޖެހެމުން ދިޔަ ކަޅުކަން ގަދަ ވިލާ ގަނޑާ ދިމާއަށެވެ. އެ މުސީބާތުން އޭނާއަށް ސަލާމާތްވެވޭނެ ކަމުގެ ޔަގީންކަން ދެމުންދިޔަ ނިޝާންތަކަށް ބަލަން އޮތް އިރު އެތާ ތިބި މީހުންގެ ނިމުން އަންނާނެ ގޮތް އޭނާގެ ލޯ މައްޗަށް ސިފަވަމުން ދިޔައެވެ.

*** *** *** *** *** ***

"ބައްޕާ... ބޭބޭ.. އަހަރެން ދައްކާ ވާހަކަ ގަބޫލުކޮށްބަލަ... ކިހިނެއްވެގެންތަ ތިއުޅެނީ.. އެއީ އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއޭ... އޭނަ ކޮންމެ ރެއަކު އަހަންނާ ބައްދަލު ކުރަން އާދޭ. މިރޭވެސް އޭނަ އަންނާނެ. އަހަރެންގެ އިންތިޒާރުގައި ރަށު ތުނޑީކޮޅުގައި ހުންނާނެ. ބޭބެމެން ބުނިން ދޯ އަހަރެން ލޯބިވާ ކުއްޖަކާ ކައިވެނި ކުރެވޭނޭ. ދެން ކޮބާތަ މައްސަލައަކީ..."

އަޒްކާގެ އާދޭހުގެ އަޑުތައް އަހާކަށް އޭނާގެ މަންމައަކަށް ކެތެއް ނުކުރެވުނެވެ. ކުރިއަށް އޭނާ އެޅި ފިޔަވަޅު ހުއްޓުވީ އަޒްކާގެ ބައްޕައެވެ. އަދި އެކޮޓަރިން ބޭރަށް އޭނާގެ އަންހެނުން ގޮވައިގެން ނުކުތުމަށްފަހު އެ ކޮޓަރީގެ ދޮރުފަތް ލައްޕާލިއެވެ.

"މޫސައަށް އިނގޭނެ އެ ދައްކަނީ ދޮގު ވާހަކައެއް ނޫންކަން. ކޮންމެ ރެއަކުވެސް ބަލަ އަހަރެމެން ކައިރީ ބުނެފަ ދޯ އޭނަ ތުނޑިއަށް ދަނީ... ތި ހުރިހާ ސަކަރާތެއް ނުޖަހާ އެކުއްޖާ ގެއަށް ގެންނަންވީއެއްނު. މޫސަމެން ކަންކުރަން ތި އުޅޭ ގޮތުން އަހަރެން ވެސް އެބަ ބިރުގަނޭ.." ހަލީމާ މަސައްކަތް ކުރީ މޫސަ ކައިރިން ރެކިގެން އަނެއްކާވެސް އެކޮޓަރިއަށް ވަންނަން ދާށެވެ. ނަމަވެސް މޫސަ އެއަށްވުރެ ހުޝިޔާރެވެ. ހަލީމާގެ އަތުގެ މުލައްދަނޑީގައި އޭނާ އެއްލި އަތުން ހިފާ އޭނާގެ އަންހެނުން ހުއްޓުވިއެވެ.

"ތިބުނާ ކުއްޖަކާ އެއްކޮށް ކޮންމެ ރެއަކު ތުނޑިއަށް ދާއިރު އިނގޭތަ އޭނަ އެ ގޮވައިގެން އުޅޭ ކުއްޖެއް އެއްވެސް މީހަކަށް ނުފެންނަ ކަން. ހަލީމާ އެ ބުނާ ސޮރެއް ދެކުނިންތަ؟ މަގޭ ދަރިއަށްވެސް އެކަން ގަބޫލު ނުކުރެވިގެން އެ އުޅެނީ. މީ އަހަރެންގެ އަމިއްލަ ދަރިއަށް ދެރައެއް ދޭންވެގެން ކުރާ ކަމެއް ނޫން. މީ އެމަންޖެއަށް ރަނގަޅަކަށް ކުރާ ކަމެއް. ނުރައްކަލަކުން ސަލާމަތްކުރަން މިއުޅެނީ.." މޫސަ ފުން ނޭވާއެއް ދޫކޮށްލަމުން ކޮޓަރިން ބޭރަށް އިވުނު އަޒްކާގެ ހަޅޭކުގެ އަޑަށް ސަމާލުކަން ދީގެން މަޑުކޮށްލިއެވެ. އޭނާގެ އަޑު ކެނޑުމުން ހަލީމާއާ ދިމާއަށް މޫސަ ބަލާލީ އޭނާގެ އަންހެނުންނަށް އެ ހުރިހާ ކަމެއް މި ވަގުތު ވިސްނައިދޭނެ ގޮތެއް ނުވިސްނޭ ހާލުގައެވެ.

"އަޒްކާގެ ރައްޓެހިން ކައިރީވެސް އަހައިފިން. އެއްވެސް މީހަކަށް ތިބުނާ ސޮރެއް ނުފެނޭ... އޭނާ ފެންނަންވީ ހަމައެކަނި އަޒުކާއަށް ވީމަ އެއީ އަޖައިބެއްދޯ. މަ މުޅި ރަށުތެރެ ބަލައިފިން އެ އުމުރުފުރައިގެ ބީރައްޓެއްސެއް އައިސް އުޅޭތޯ؟ މިވަރު ކަމެއް އަހަރެންވެސް ނުބަލައެއް ނުކުރާނެ ދޯ؟ މިގޮތަށް ގޮސް ކިތަންމެ އަލާމާތެއް އެބަ ފެނޭ. ހަލީމާއަކަށް ނުފެނޭތަ އޭނާގެ ގައިގަ ހުރި ނިޝާންތަކެއް. އެކުއްޖާއަށް ވެފަ ހުރި ގޮތެއް." މޫސަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައިރު އޭނާގެ އަޑަށް ބާރުލާ ވާހަކަ ދެއްކުނީ ފުދޭ ވަރަކަށް ބާރަށެވެ. ހަލީމާ އިސްޖަހާލަމުން ރައްދުގައި އެއްޗެއް ނުބުނެ ހިމޭންވެލިއެވެ.

"ހަލީމާއަށް ކެތްނުވަންޏާ މަށަށް ރަނގަޅީ މިވަގުތު ކޮޓަރިއަށް ނުވަނިއްޔާ..." މޫސަ އަނދެގެން ހުރި މުންޑުގަނޑު ކޮށިކުރަމުން ދޮރުހުޅުވާލީ ހަލީމާއާ ދިމާއަށް ބަލައިވެސް ނުލައެވެ.

*** *** *** *** *** ***

ކިޔަވާފައި ހުރި ފެންތަށި އަޒްކާއާ ދިމާއަށް ދިއްކޮށްލަމުން ރާއިދު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކީގައެވެ. "އަޒްކާ. އަން މި ފެންތަށި ބިސްމި ކިޔާފަ ބޯލާ. މިކަން މި ކުރަނީ އަޒްކާއަށް ރަނގަޅަކަށް. އަޒްކާ ދައްކާ ވާހަކައިގެ ހުރި ތެދު ދޮގު މިނެއް އަޒްކާ އާއިލާއަށް ހާމަކުރަން ބޭނުމިއްޔާ އަހަރެން ބުނާ ބަސްއަހައިގެން މިކަން ކޮށްލާ. އޭރުން އެކަން އެ ނިމުނީނު. އަޒްކާއަށް ޔަގީންދޯ އެއީ މިރަށުގަ އުޅޭ ކުއްޖެއްކަން."

ރާއިދުގެ މޫނަށް ކަޅިޖަހާނުލާ ބަލަން އިން އަޒްކާ ވަށައިގެން އެތަނުގައި ތިބި އޭނާގެ އާއިލާގެ މީހުންނަށް ބަލާލިއެވެ. އެއަށް ފަހު ފެންތަށީގައި ހިފަމުން ބޯ ޖަހާލަމުން އަނެއް އަތުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލީ އާ އުންމީދަކާ އެކީގައެވެ. ރާއިދު އެދުނު ފަދައިން ބިސްމި ކިޔާ އެ ފެންތަށިން އެއްބައި އޭނާ ބޯލިއެވެ. އެއަށްފަހު ތަށީގައި ބާކީ ހުރި ފެންފޮދުން ބިސްމި ކިޔާ އޭނާގެ މޫނު ދޮވެލީ ރާއިދު އެދުނު ފަދައިންނެވެ. އަޒްކާ ފުން ނޭވާއެއް ބޭރުކޮށްލަމުން ހުސް ތަށި ރާއިދު އަތަށް ދިއްކޮށްލިއެވެ.

ތާކިހާއަކުން ބޯ ނިވާކޮށްގެން އިން ރާއީދު އަޒްކާގެ މޫނަށް ބަލާލަމުން އޭނާ ސުވާލުކޮށްލިއެވެ. "އޭނައަށް ކިޔަނީ ކޮން ނަމެއް؟"

"މިކާޝް" އަޒްކާ ރައްޓެހިވެގެން އުޅޭ ޒުވާނާގެ ނަން ބުނުމާއެކު ރާއިދު އެނބުރިލީ އޭނާގެ މަގަތުގައި އިށީނދެގެން އިން އަސްރާރުއާ ދިމާއަށެވެ. ލޯ ފަން އަސްރާރު އޭރު އިނީ އޭނާގެ އަތުގައި އިން ފެންތަށި ތުންފަތާ ގާތްކޮށްގެން ކިޔަވާށެވެ. ކިޔަވާ ނިމުމުން އެ ފެންތަށީ ތެރެއަށް ފުމެލުމަށްފަހު އޭނާގެ އަތް ކުރިއަށް ދިއްކޮށްލީ ރާއިދު ހުރި ދިމާ ދެނެގަންނަމުންނެވެ. އެ ތަށީގައި ހިފަމުން އަސްރާރުގެ އަތުގައި ރާއިދު ހިފާލިއެވެ. އަދި ކިޔެވެލި ކިޔަވަން ފެށުމަށް ތައްޔާރުވެ ފުންނޭވާއެއް ބޭރުކޮށްލަމުން ރާއިދު އެދުނީ އެމީހުން ކިޔަވަން ފެށުމުން އެ ޒުވާނާގެ ނަމުން އަޒްކާ ދެފަހަރަށް ގޮވާލުމަށެވެ.

އަސްރާރާއި ރާއިދު އެކުއެކީގައި ކިޔަވަން ފެށުމާއެކީ އަޒްކާގެ ބޮލަށް ތޫނު ތަދެއް އެރި ކަހަލައެވެ. ބޮލަށް އުނދަގޫ ވާން ފެށުމުން އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ކުޑަ އިރުކޮޅެއް ކުރިން ރާއިދު އޭނާ ގާތު ކުރަން އެދުނު ކަންތައް މަތިން ހަނދާންވުމުން ހިތްވަރުކޮށްފައި އަޒްކާ އޭނާގެ ލޯބިވެރިޔާގެ ނަމުން ގޮވަން މަސައްކަތް ކުރިއެވެ.

*** *** *** *** *** ***

"މަންޝާ.. މަންޝާ.."

ސިއްސައިގެން ގޮސް މަންޝާއަށް ހޭލެވުނީ އޭނާގެ ނަމުން މީހަކު ދެ ފަހަރަކު ގޮވާލި އަޑު އިވުމުންނެވެ. އެ އަޑަކީ ކަންފަތް ދޮށުން ވަރަށް ގާތުން އިވުނު އަޑަކާ ވައްތަރު ވިއެވެ. އެހެން ކަމުން އެނދުން ބޯ ހިއްލާލަމުން ކަންފަތް ދަށުގައި މަންޝާގެ އަތުން ފިރުމާލެވުނީ އޭނާއަށް ކުރެވުނު އިހްސާސް ހަގީގަތެއް ކަން ކަށަވަރު ކުރުމުގެ ނިޔަތުގައެވެ.

ވަށައިގެން އޭނާ އިން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ މީހަކު ކޮޓަރިއަށް އައީ ތޯ ޔަގީންކޮށްލުމުގެ ބޭނުމުގައެވެ. ކޮޓަރީގައި ހުރީ އޭނާ އެކަނިކަން ޔަގީން ވުމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވިސްނާލަން ހިނދުކޮޅަކަށް މަޑުކޮށްލެވުނެވެ.

ކޮންމެ ރެއަކު އޭނާއަށް ފެންނަމުން ދިޔަ އާދަޔާ ހިލާފް ހުވަފެންތަކުގެ ހަގީގަތް ދެނެގަންނަން އޭނާ ބޭނުންވިޔަސް އެވާހަކަތައް މީހަކާ ހިއްސާ ކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ މަންޝާގެ އަމިއްލަ ހިޔާލީ ދުނިޔެއެއް ގޮތުގައި ނިމާ އެ ދުނިޔޭގެ މަންޒަރޔުތައް އޭނާ ރައްކާކޮށްގެން ގެންގުޅެނީ އެއްވެސް މީހަކާ ހިއްސާ ކުރުމެއް ނެތިއެވެ.

މަންޝާގެ ހަށިގަނޑުގެ އެއްބައި ނިވާ ކޮށްފައިވާ ބްލޭންކެޓް އެއްފަރާތަކަށް ކަހާލަމުން އެނދުން މަންޝާ ތެދުވިއެވެ. އޭނާގެ ފަން، ދިގު އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއްހެން ހަރުކޮށްލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އެ ކޮޓަރިން ބޭރަށް ނުކުމެވެން ހުރި ބެލްކަންޏާ ދިމާއަށް އޭނާ ހިނގައިގަތީ ލަސްލަހުންނެވެ. ކެހޭ ދޮރުފަތް ހުޅުވާލުމުން އޭނާގެ ހަށިގަނޑުގައި ބީހިލި ފިނި ވައިރޯޅިން އިހްސާސްކުރި ފިނިކަމެއްގެ ސަބަބުން ދެއަތް ދެއަތާ ހާކާލަމުން އޭނާ ހަށަންބަނދެލީ ހޫނު ކަމެއް އިހްސާސްކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ދަންވަރުގެ ވަގުތެއް ކަމުގައި ވީ ނަމަވެސް މާލޭގެ ހަލަނބޮލި މަގުތަކުން ދުއްވާ އެއްޗެތީގެ އަޑު ކެނޑޭ ގޮތެއް ނުވެއެވެ. ބެލްކަންޏަށް ނުކުމެ ރެއިލިންގް ދަގަނޑު ގަނޑުގައި އަތް އަޅުވާލައިގެން ވަށައިގެން ފެނަމުންދިޔަ މަންޒަރަށް ބަލަން އިން މަންޝަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އުސްކޮށް ހަދާފައިވާ އިމާރާތްތަކުގެ ބައެއް އެޕާތްމަންޓްތަކުން އަލިކަމެއް ފެންނަން ހުރި ނަމަވެސް އަނެއްބައި ގެތަކުގައި އެއްވެސް އަލިކަމެއް ނެތުމުން މަންޝާ ޗުސް ތަޅުވާލީ ނިތް އަރުވާލަމުންނެވެ. އެއްބަޔަކު ނިދާ ހިމޭންވާ އިރު މުޅި ގޭތެރެ އަނދިރިކޮށްގެން ނިދަން ކެރޭ ބާވައޭ މަންޝާގެ ހިތަށް އެރުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަޒާގެ ތެރެއަށް މަންޝާއަށް ބަލާލެވުނެވެ.

އުޑުމަތި ވަނީ ވިލާ ތަކުން ބައްދާލާފައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަ ފާނެހެންނެވެ. އިރުކޮޅަކު ބެލްކަނިން ބޭރު ބަލަން ހުރުމަށް ފަހު މަންޝާ ކޮޓަރިއަށް ވަދެ މޭޒު ދޮށުގައި އިށީނީ ބޭރުގެ ތެތްފިނި މާހައުލުން އޭނާގެ ހަށިގަނޑަށް ލިއްބައިދެމުން ދިޔަ ފިނިކަމުން ގޯނާއަށް ކެތްކުރަން ދަތިވުމުންނެވެ. ކޮޓަރިއަށް ވަދެ މަންޝަގެ ނަޒަރު ހުސްކޮށްލެވުނީ އޭނާ ލިޔަން އިށީންނަ މޭޒާ ދިމާއަށެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމުން މަންޝާ މޭޒު ކައިރިއަށް ޖެހިލިއެވެ. އަދި އޭނާ ލިޔަން ގެންގުޅޭ ފޮތެއް ނަގާ އެންމެ ފަހުން ފާހަގަކޮށްފައިވާ ސަފްހާއަށް ހުޅުވާލިއެވެ. އެ ސަފްހާތެރެއަށް ލާފައިވާ ގަލަމުގެ ދޯރި ނައްޓާލަމުން އޭނާއަށް މިރޭ ފެނުނު ހުވަފެން މަތިން ހަނދާންކޮށްލީ ފެނުނު މަންޒަރު ހަނދާންހުއްޓާ ފޮތުގައި ލިޔެލާށެވެ. މިއީ އޭނާއަށް ފެންނަ މިފަދަ އަޖައިބު ކުރުވަނިވި ހުވަފެނާއި މަންޒަރުތައް ރައްކާކުރަން އެނާ ކޮށް އުޅޭ ކަމެކެވެ. ގަލަމުގެ ތުނޑު ގަނޑުގައި ޖައްސާލި ވަގުތު މަންޝާގެ ލޯމައްޗަށް އޭނާއަށް މިރޭ ހުވަފެނުގައި ފެނުނު މަންޒަރުތައް ސިފަވެގެން ދިޔައެވެ.

"އެއީ ހާދަ ރީތި މަންޒަރެކެވެ. މޫދުގައި ވަނީ ރެދަން ލާފައެވެ. ރެދަންތައް ނޫކުލައިން ދިއްލިފައިވާ އިރު އެމަންޒަރު ވަރަށް ވެސް ޗާލެވެ. މޫދުކައިރިން ހިނގާފައި އަހަރެން އައިސް ހުއްޓުނީ ރަތް މަލުން ފުރިފައިވާ ރީތި މާތަކެއް އަޅާފައިވާ ގަހެއްގެ ކައިރިއަށެވެ. އެއީ ހާދަ ބިޔަ ބޮޑު ގަހެކެވެ. އެގަހަށް ބަލާލުމުންވެސް އެއީ އެތައް އަހަރުތަކެއް ވެފައިވާ އާސާރީ ގަހަކާ އަހަންނަށް ވައްތަރުވިއެވެ. ގަހުގައި ހުރި ފެހި ފަތްތަކަށް ވުރެ ގިނައީ އެ ގަހުގައި އަޅާފައިވާ ރަތް މާތަކެވެ. ގަސް ދަށުގައި ހީވަނީ ރަތް ދޫލައެއް އަޅާފައި އޮތް ހެނެނެވެ. ގަހުން ވެރިފައި ވާ މާތަކުން އެ ސަރަހައްދު ވަނީ ފުރާލާފައެވެ. މަޑު ފިޔަވަޅުތަކެއްގައި އަހަރެން އެ ގަސްދަށަށް ދިޔައީ ކައިރިން އެ މަންޒަރު ދެކިލަން ބޭނުންވެފައި ހުރުމުންނެވެ.

އެއީ އުޑުމަތި ސާފު ރީތި ރެއެކެވެ. އުޑުމަތިން އެތައްހާސް ތަރިތަކެއް ފެންނަން ހުއްޓެވެ. މިއީ އަދި ހަމަ ލޮލުން އަހަރެން ދުވަހަކުވެސް ދެކުނު ކަހަލަ މަންޒަރެއް ނޫނެވެ. އެހާމެ ހިތްގައިމެވެ. އެހާމެ ރީއްޗެވެ. މިފަދަ ރީތި ރެއެއްގައި އަހަރެން ބޯޗެއްގައި ހިނގާލަން ދާން ވަރަށް ބޭނުމެވެ. ގަސްދަށާް ހިނގާފައި ދެވުމުން އަހަރެން ގަސްދަށުގައި ހުއްޓިގެން ހުއްޓާ ޖެހިލި މަޑު ފިނި ވައިރޯޅި އަހަރެން ގައިގާ ބީހިލުމުން ހިތަށް ހަމަޖެހުމެއް ވެރިވިއެވެ. އެ ވައިރޯޅި ބީހިލާފައި ދިއުމުން އެ ގަހުގެ ފަތްތަކާއި މާތައް ހެލިލިއެވެ. އަދި ގަހުން ވަކިވެގެން ބައެއް މާތައް ގަސްދަށަށް ފޭބިއިރު އެ މަންޒަރު ވައްތަރުވީ ފިލްމުތަކުން ފެންނަކަހަލަ "ސްލޯމޯ ތްރީޑީ" މަންޒަރަކާއެވެ.

ކުރިއަށް އަތް ދިއްކޮށްގެން ހުރި އަޖައިބުވެފައި ފައިބަމުންދިޔަ މާތަކަށް ބަލާށެވެ. އެނބުރެމުން އެނބުރެމުން ވަޔާ އެކުވެގެން ފޭބި މާތަކުން މަލެއް އައިސް އަހަރެން އަތު ތެރެއަށް ވެއްޓުނީ އަހަރެން ބަލަބަލާ ހުއްޓައެވެ. އެމަލަށް އަހަރެން ބަލަން ހުރީ އަޖައިބުވެފައެވެ. އެއީ މީގެ ކުރިން އަހަރެން ދެކުނު ކަހަލަ މަލެއް ނޫނެވެ. އެއީ ރަތްކަން ގަދަ ރީތި މަލެކެވެ. މަލުގެ ފަސްފިޔަ އިން އިރު ހަތަރު ފިޔަ އިނީ އެކީ ރަތް ކުލައަކަށެވެ. ނަމަވެސް ފަސްވަނަ ފިޔަ އެހެން ފިޔަތަކާ ތަފާތެވެ. އެ ފިޔައިގައި މަޑު ރީނދޫ ކުލައެއް ހުރި އިރު ރަތްކުލައިގެ ލައްތަކެއް ޖަހާފައި ހުއްޓެވެ. އަދި މަލުގެ ކަރުގަނޑުން ކުދި ނަރުވަތަކެއްހެން ބައެއް ނުކުމެފައި ހުއްޓެވެ. އެ މަލުގެ ރީތިކަމަށް އަހަރެން ބަލަން ހުރީ އަޖައިބު ވެފައެވެ.

ވިސްނާލަން އަހަންނަށް މަޑުކޮށްލެވުނީ އެމަލުގެ ރީތިކަމާ މެދެވެ. އެ މަލުން އަހަންނަށް ފުން މާނަތަކެއް ދޭހަ ވެއްޖެއެވެ. ފަސްއިންގިލި އެއްވަރެއް ނުވާނޭ ބުނެއުޅެ ފަދައިން އެ މަލުގެ ހުރިހާ ފިޔަތަކެއް ހުރީ އެއް ގޮތަކަށް ނޫނެވެ. ދުނިޔޭގައި ތަފާތު މީހުންވެސް އުޅޭނެ ކަމަށް އަހަރެން އަބަދުވެސް ގަބޫލުކުރަމެވެ. ހަމައެފަދައިން އަބަދުވެސް އަހަންނަކީ ތަފާތު މީހެއްގެ ގޮތުގައި އައީ ދެކެމުންނެވެ. އެ ހިޔާކުތަކަށް އަހަރެންނަށް ގެއްލިފައި ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ދެން އެ ހިޔާލކުތަކުން އަހަރެންގެ ވިސްނުން ދުރަށް ޖެހިޅި އަހަރެންގެ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.

އެއީ ރީތި ފިރިހެން ވަންތަ ޒުވާނެއްގެ ގޮވުމުގެ އަޑެވެ. އެ ޒުވާނާ ހޮވަމުންދިޔައީ އަހަރެންގެ ނަމުންނެވެ. އެއީ ހާދަ ރީތި އަޑެކެވެ. ފިރިހެން ވަންތަ ބަރު އަޑެކެވެ. އެ އަޑުގައި އާދަޔާ ހިލާފް އަސަރުތަކެއް ފޮރުވިފައިވާ ކަހަލައެވެ. ހިތުގެ އެންމެ ހިމަ ނާރާ އެއަޑު ކުޅެލައިފިއެވެ."

ގަލަމުގެ ދޯރި ޖަހާލުމަށްފަހު ފޮތް ލައްޕާލާ ގަލަން އެ ފޮތް މަތީ މަންޝާ ބާއްވާލިއެވެ. މަންޝާގެ ސިކުނޑީގައި އަދިވެސް އެނބުރެމުން ދަނީ އެ ހުވަފެނުން އޭނާއަށް ފެނުނު މަންޒަރުތަކެގެ ހިޔާލެވެ. ކުއްލިއަކަށް އެނދުމަތީ އޮތް ފޯނުގެ ސްކްރީން ދިއްލުނު ތަން ފެނުމުން މަންޝާ އަވަހަށް އޭނާގެ ފޯނު ނަގަން ގާތްވެލިއެވެ. އެއީ ކާކުގެ މެސެޖެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ގައިމު އެހާ ދަން ގަޑިއެއްގައި އޭނާއަށް މެސެޖު ކުރާނެ މީހަކު ނުހުންނާނެއެވެ.

ހައިރާންކަމާ އެކު ހުރެ ގޮސް ފޯނު ނަގާ ބަލާލިއިރު އެއީ އޭނާއަށް އައި މެސެޖެއް ނޫނެވެ. އެއީ އޭނާގެ ފޯނު ޗާޖަށް ޖަހާފައި އޮތުމުން ބެޓެރި ފުލް ވެއްޖެ ކަން އަންގައިދޭން އައި ނޮޓިފިކޭޝަނެކެވެ. ޗާޖުން ފޯނު ވަކިކޮށްލުމަށްފަހު އެނދަށް އަރާ މަންޝާ ހަމަޖެހިލިއެވެ. އަނެއްކާ ނިދޭތޯ އޭނާ ދެލޯ މަރާލީ ހެނދުނު ހޭލަން ފޯނު އެލާމް ކޮށްލުމަށްފަހުއެވެ.

(ނުނިމޭ)