ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރ އެއް ގާއިމްކޮށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލުން ބުނީ، ކުރީގެ ސްޓާ ސިނަމާ ހުންނަ އިމާރާތް ކަމަށްވާ މ.ސްޓާ ކްލައުޑް ގައި މިއަދު އޭޓީއެމް ސެންޓަރެއް ހުޅުވާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ މައި ސަރަހައްދެއްގައި ހުޅުވުނު "ސްޓާ އޭޓީއެމް ސެންޓަރު" މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެެ ކަމަށް އެ ބޭންކުން ބުނެއެވެ.

24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެ ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވިގެންވާ 3 އޭޓީއެމް ހިމެނޭ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. އަދި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި، އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައްވެސް އިތުރުކުރެވިގެންދިޔުން."
ޓިމް ސޯޔާ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މި ހުޅުވިގެންދިޔަ ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމްކުރެވުނު އޭޓީއެމް ސެންޓަރެއް ކަމަށެވެ. ބޭންކިން ހިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިން ހިދުމަތް ހޯދޭނެ ކަމަށް ވެސް ޓިމް ސޯޔާ ވިދާޅުވިއެވެ.

މީގެ އިތުރރިުން ޓިމް ސޯޔާ ވިދާޅުވީ، އަތޮޅު ތެރޭގައި ވެސް 4 ރަށެއްގާއި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައޮ އެކަން ކުރެވިގެން ދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފް ސާވިސް ބޭންކިން ސެންޓާ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑްވިސްއިން އަބަދުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.