ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ބްރާންޗްތަކަކާއި ސެންޓަރުތަކުން މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހިދުމަތްދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ، އެގޮތަށް ހިދުމަތް ދޭނީ މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހާ ނިޔަލަށް ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ބީއެމްއެލުން ބުނެއެވެ.
ހަމައެއާއެކު ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތް ދިނުމަށްޓަކައި ބްރާންޗްތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް ބީއެމްއެލުން ބުނެއެވެ. އެޕޮއިންޓްމަންޓް މެދުވެރިކޮށް ހިދުމަތް ދެމުންދާނީ އޮންލައިންކޮށް ނުދެވޭ ހިދުމަތްތަކާއި އޭޓީއެމް މެދުވެރިކޮށް ނުދެވޭ ހިދުމަތްތައް ކަމަށް އެ ފަރާތުން ބުނެއެވެ.
އޮންލައިންކޮށް ބީއެމްއެލް މެދުވެރިކޮށް ދޭ ހިދުމަތްތަކަކީ:
- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން
- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
- ލޯކަލް ބޭންކް ޓްރާންސްފާ
- މީރާއަށް ފައިސާ ދެއްކެމުގެ ހިދުމަތް
- ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ދޭ ހިދުމަތްތައް:
- ނަގުދު ފައިސާ ޖަމާކުރުން (ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ)
- ޗެކު ޖަމާޖުރުން
ބީއެމްއެލުން އެންމެ އިސްކަމެއްދެނީ އެފަރާތުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށް އެ ފަރާތުން ބުނެއެވެ. މާލޭ ސިޓީގެ ފުރަބަންދަށް ބޮޑު ލުއިތަކެއް ލިބިފައިވީ ނަމަވެސް ބީއެމްއެލުން އެދެނީ ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުންކުރުމަށެވެ. އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށެވެ.