ދެ ދާއިރާއަކުން ޕެންޝަން އޮފީހުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަންގެ މިންގަޑުތައް ހާސިލު ކޮށްފިއެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސްގެ މަސައްކަތްތައް ކުރަނީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) ގެ މިންގަޑުތަކަށް ކަމަށް އެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.

އިސާ އަކީ އެކި ގައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޖަމްއިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެދާއިރާ ހަރުދަނާކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފަޔާއި މަޝްވަރާދީ އެހީތެރިވުން ހިމެނެއެވެ.

ދުނިޔޭގެ 150 ޤައުމަކުން 320 ފަރާތެއް ބައިވެރިވާ މިޖަމްއިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރުއެވެ.