ތިލަފުށީ ބޭރުގައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮތް މީހާ ނެގީ ކަނޑުގެ 51 މީޓަރު އަޑިންނެވެ.

ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އޭނާ ހޯދާފައި ވަނީ ރޭ ދަންވަރު 12:22 ހާ އިރު ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރޭ 10 ޖެހި ފަހުން ހިނގި އެ ހާދިސާގައި ބިދޭސީ ދެމީހަކު މޫދަށް ވެއްޓުނު ކަމަށާއި އެތަނުން އެކަކު މޫދުގައި އޮއްވާ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީ އެއްގައި ތިބި ބަޔަކަށް ފެނިގެން ނަގައިގެން އޭނާ ވިލިމާލެ ހޮސްޕިޓަލަށް ރޭ ވަނީ ގެންގޮސްފައެވެ. އޭނާގެ ހާލަކީ ކޮބައިކަން އަދި ސާފުވެފައި ނުވާއިރު އެހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި އެމްއެންޑީއެފާއި ފުލުހުން ހާމައެއް ނުކުރެއެވެ.

މޫދަށް ވެއްޓި މީހުން ގެއްލުމުގެ ހާދިސާތައް ދޭތެރެ ދޭތެރެ އިން ރާއްޖޭގައި ހިނގައެވެ.

މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުވެސް އެފަދަ ހާދިސާއެއް، ށ. އަތޮޅުގައި އޮންނަ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގައިވެސް ހިނގާފައި ވެއެވެ. އެ ހާދިސާގައި އެ ރިސޯޓުގެ ސަޕްލައި ޖޭޓީން މޫދަށް ފުންމާލި އިންޑިއާ މީހަކު ވެސް ވަނީ ގެއްލިފައެވެ. އެމީހާ އަދި މިހާތަނަށް ފެނިފައި ނުވާ އިރު، މާލެ ސިނަމާލެ ބުރިޖުން މޫދަށް ފުންމާލި އިންޑިއާ މީހަކު ފުލުހުން ސަލާމަތް ކޮށްފައި ވެއެވެ.