ތިލަފުށީ ބޭރުގައި އޮތް ބޯޓަކުން މީހަކު މޫދަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ގެއްލިފައިވަނީ ބިދޭސީއެއް ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާގައި ބިދޭސީ ދެމީހަކު މޫދަށް ވެއްޓުނު ކަމަށާއި އެތަނުން އެކަކު މޫދުގައި އޮއްވާ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީ އެއްގައި ތިބި ބަޔަކަށް ފެނިގެން ނަގައިގެން އޭނާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

އަދި މިހާތަނަށް ނުފެނި ވާ ބިދޭސީ މީހާ ވެއްޓުނީ "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފުން ކުރަމުން ދާއިރު، އޭނާ ވެއްޓުނު ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ބަލައިގެން ދަތުރު ކުރުމަށާއ، އެމީހާގެ އެއްވެސް އިޝާރާތެއް ނުވަތަ ހިލަމެއް ވި ނަމަވެސް އެމްއެންޑީއެފްގެ ނަންބަރު 191 އަށް ގުޅުމަށް އިލްތިމާސް ކުރެއެވެ.

މިރޭ 22:20 ހާއިރު ހިނގި މިހާދިސާގައި ވެއްޓިފައި ވަނީ ކޮން ގައުމެއްގެ 2 މީހުން ކަމެއް އެމްއެންޑީއެފް އަކުން ނުބުނެއެވެ.