ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ އަންނަ މަހު ގެއްލިދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން ހިންގި ސާވޭއަކުން ދައްކައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން އައި އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން އައި ބަދަލުތަކާ ބެހޭގޮތުން ކުރި މި ސާވޭގައި ދައްކާގޮތުން، ކޮންމެ 10 މީހެއްގެ ތެރެއިން އެކަކުގެ ވަޒީފާ އަންނަ މަހު ގެއްލިދާނެ އެވެ. އަދި 10 އަކުން އެކެއްގެ އާމްދަނީ ކޮވިޑްގެ ސަބަބުން ހުއްޓިފައި ވާއިރު، 10 އަކުން ތިން މީހެއްގެ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެ އިތުރުން އެ ސާވޭގައި ދައްކާ ގޮތުން 10 އަކުން ފަސް މީހުންނަށް ވަނީ ވަޒީފާގެ ޔަގީންކަން ލިބިފައެވެ.

ވިޔަފާރިތަކުގެ ތެރެއިން ކޮވިޑް-19ގެ ސަބަބުން ކޮންމެ 10 ވިޔަފާރިއަކުން އެއް ވިޔަފާރިއަށް ކޮށްފައިވަނީ ކުޑަކުޑަ އަސަރެކެވެ. އަދި 10 އަކުން 4 ވިޔަފާރިއަށް ލިބޭ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު، 10 އަކުން ފަސް ވިޔަފާރިއަށް ވަނީ ކޮވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މި ސާވޭއިން ދައްކާގޮތުގައި، ކޮވިޑް-19ގެ ސަބަބުން 65 ޕަސަންޓް މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި އަސަރުތައް ކޮށްފައެވެ. އަދި 23 ޕަސެންޓް މީހުންނަށް ކުޑަ އަސަރެއް ނުވަތަ އެއްވެސް އަސަރެއް ކޮށްފައިނުވާއިރު، 12 ޕަސެންޓް މީހުންނަށް ކޮވިޑްގެ ސަބަބުން މާލީ ގޮތުން ކުރި އަސަރު އަދި ދެނެގަނެވިފައެއް ނުވެއެވެ.

މީގެ އިތުރުން ސާވޭއިން ދައްކާގޮތުގައި، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވަނިކޮށް، 11 ޕަސެންޓޤ މީހުން ވަނީ ބަރާބަރަށް ކޮންމެ ދުވަހަކު ވަޒީފާއަށް ނިކުމެފައެވެ. އަދި 8 ޕަސެންޓް ީހުން ހަފްތާއަކި ދެތިން ދުވަހު ވަޒީފާއަށް ނިކުތް އިރު، 37 ޕަސަންޓް މީހުން މަސައްކަތް ކުރީ ގޭގައި ތިބެގެންނެވެ. ލޮކްޑައުންގައި 44 ޕަސަންޓް މީހުން މަސައްކަތެއް ނުކުރެއެވެ.