ސައްހަ ނޫން ލައިސަންސް ނަގައިގެން މަސައްކަތް ކުރަމުންދިޔަ 150 ޕައިލެޓެއް، ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)އިން ގްރައުންޑް ކޮށްފިއެވެ.

ޕީއައިއޭއިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ޕާކިސްތާނުގެ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު ވަނީ، ފޭކު ލައިސަންސްގައާއި، އިމްތިހާނުގައި މަކަރު ހަދައިގެން ލައިސަންސް ނަގައިގެން އުޅޭ ގިނަ އަދަދެއްގެ ޕައިލެޓުން، ޕާކިސްތާނުގައި ހަރަކާތްތެރިވާކަމަށް ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ. ޕީއައިއޭ ފްލައިޓެއް މިދިޔަ މަހު ވެއްޓެން މެދުވެރިވީ ޕައިލެޓްވެސް ހިމެނޭ ގޮތަށް އެރި 'ހިއުމަން އެރާ'އެއްގެ ސަބަބުން ކަމަށް ތަހުގީގު ރިޕޯޓުން ހާމަކޮށްފައިވާ ދަނޑިވަޅެއްވެސްމެއެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ8303، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ހިންދުސްތާންޓައިމްސް

ޕާކިސްތާނުގެ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު ގުލާމް ސަރުވާރު ހާން ވިދާޅުވީ، 2018 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ހިންގި ތަފާތު ތަހުގީގެއްގައި އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެވުނު ކަމަށާ، އެގޮތުން އެ ހާދިސާގައި ޝާމިލުވި ޕައިލެޓަށް ލައިސަންސް ދޫކުރިކަމަށް ލައިސަންސްގައިވާ ތާރީހަކީ، ޕާކިސްތާނުގެ ސަރުކާރު ބަންދު ދުވަހެއް ކަމަށާ، އެދުވަހު ޓެސްޓު ކުރިއަށްދާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

މި ތަހުގީގާ ގުޅިގެން އެނގުނު ކަންތައްތަކަށް ބަލާއިރު، ޕާކިސްތާނުގައި މިވަގުތު ހަރަކާތްތެރިވާ 860 ޕައިލެޓުންގެ ތެރެއިން 260 ޕައިލެޓުންނަކީ ފޭކް ލައިސަންސްގައި ނުވަތަ އިމްތިހާނަށް މަކަރު ހަދައިގެން ލައިސަންސް ހޯދައިގެން އުޅޭ ޕައިލެޓުންކަން ވަނީ ދެނެގަނެވިފައެވެ.

ޕީއައިއޭގެ ފަރާތުން ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެއްވި ތަރުޖަމާނަކު ވިދާޅުވީ، އެ އެއާލައިންގެ 434 ޕައިލެޓުންގެ ތެރެއިން 150 ޕައިލެޓެއްގެ ލައިސަންސްގައި މައްސަލަ އުޅޭއިރު، މިހާރުން މިހާރަށް އެމީހުން ގްރައުންޑްކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލް ކުރަންޖެހިދާނެ ކަމަށްވެސް ޕީއައިއޭއިންވަނީ ހާމަކޮށްފައެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން ބުނީ، ޕައިލެޓުންގެ ލައިސަންސްގައި މައްސަލަ އުޅުމަކީ، އެއާލައިންގެ ސަލާމަތީ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އަންގައިދޭ ކަމެއް ކަމަށެވެ.