އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗް 2-1 އަކުން ޗެލްސީ ކާމިޔާބުކުރުމާއެކު ތާވާލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ލިބިއްޖެއެވެ.
މިއީ 1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލްއަށް އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި ލިބުނު ފުރަތަމަ ފަހަރެވެ. ބުދަ ދުވަހު ލިވަޕޫލް ކްރިސްޓަލް ޕެލެސްގެ މައްޗަށް 4-0 ގެ ކާމިޔާބިއެއް ހޯދުމުން އެންމެ މެޗަކުން މޮޅުވެގެން ވެސް އެޓީމަށް ތަށި ޔަޤީންވާނެއެވެ. އެހެން ނަމަވެސް އޭނގެ ކުރިން ތާވާލްގައި ލިވަޕޫލާ އެންމެ ކައިރީގައި ދެވަނައިގައި އޮތް ސިޓީއަށް އެންމެ މެޗަކުން ވެސް މޮޅު ނުވެވިއްޖެނަމަ ލިވަޕޫލްއަށް ޗެމްޕިއަންކަން ލިބޭނެއެވެ.
ކަންތައް ވީ ވެސް އެހެނެވެ. ރޭ ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި އެޓީމާ މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖެހީ ޗެލްސީއިންނެވެ. އެއީ އެޓީމަށް ކުޅޭ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިކް ޖެހި ހިތްގައިމު ލަނޑެކެވެ.
އޭނގެ ޖަވާބުގައި ސިޓީއިން ދިނީ ވެސް ހިތް ގައިމު ގޮތަކަށެވެ. ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ވައްދާލާ ސްކޯ 1-1 އަކަށް ހަދައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިޑް ޑިބްރައިނާއެވެ.
އެއަށް ފަހު ވެސް ސިޓީއަށް ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މި ގޮތުން އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނިކުތް އިރު މެޗު ނިންމާލުމަށް ޗެލްސީއަށް ވެސް ފުރުސަތުތަކެއް ލިބުނެވެ.
މި ގޮތުން ޗެލްސީއިން ސިޓީގެ ގޯލަށް ފޮނުވާލި މިފަދަ އެއް ޝޮޓް ސިޓީގެ ޑިފެންޑަރު ފަނާންޑީނިއޯ އަތުން މަތަކުރުމުން މެޗުގެ ރެފްރީ އޭނާއަށް ރަތްކާޑު ދައްކާ ޗެލްސީއަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ކާމިޔާބުކަމާއެކު ވައްދާލައިގެން ޗެލްސީ މޮޅުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ވިލިއަން އެވެ.
ވޭތުވެދިޔަ ދެ ސީޒަން އެއްކޮށްލައިގެން އެންމެ ހަ މެޗުން ބަލި ސިޓީ މިސީޒަންގައި އަށް މެޗުން ބަލިވެފައެވެ. ސިޓީއަށް 63 ޕޮއިންޓް ލިބިފައިވާ އިރު ބާކީ އޮތް ހަތް މެޗުން މޮޅުވެގެން ވެސް އެޓީމަށް އެންމެ ގިނަ ވެގެން ލިބޭނީ 84 ޕޮއިންޓެވެ. ލިވަޕޫލް ތާވާލުގެ އެއްވަނައިގައި އޮތީ 86 ޕޮއިންޓާއެކުއެވެ.