އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވޮޓްފަޑާ ބާންލީ ބައްދަލުކުރި މެޗުން 1-0 ވޮޓްފަޑް ދަށްވުމާއެކު އެޓީމު ރެލިގޭޝަންއާ ގާތަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތައް އުފައްދާފައިވަނީ ބާންލީންނެވެ. އެހެން ނަމަވެސް މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖެހުނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ޑުވައިޓް މެކްނީލްގެ ހުރަސް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ވައްދާލައިގެން މެޗްގެ ލީޑު ބާންލީއަށް ނަގާދިނީ ތަޖުރިބާކާރު ފޯވަޑް ޖޭ ރޮޑްރީގޭސްއެވެ.

ބާންލީގެ ލަނޑަށް ފަހު ސްކޯ އެއްވަރު ކުރާނެ ގިނަ ފުރުސަތުތައް ވޮޓްފޮޑަށް ލިބުނު އިރު މީގެން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފެއެވެ. ރެލިގޭޝަންއާ ހަނގުރާމަ ކުރަމުންދާ އެހެން ޓީމުތަކާ ޚިލާފަށް ވޮޓްފަޑަށް އިތުރު އެއް މެޗުން ކުޅެން އޮތް ނަމަވެސް އެމެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލުމަށް ލިބުނު ޗާންސް މިވަނީ ގެއްލިފައެވެ.

ރޭގެ މެޗުން ބަލިވެ ވޮޓްފަޑް އޮތީ 28 ޕޮއިންޓާއެކު ތާވާލުގެ 16 ވަނައިގައެވެ. އެޓީމާ ރެލިގޭޝަން ޒޯނާ އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތަކެވެ.

ރޭ ކުޅުނު މެޗުން މޮޅުވުމުން މި ހަފްތާ ވެފައި މިވަނީ ބާންލީއަށް ނަފްސާނީ ގޮތުން ބުރަ ހަފްތާއަކަށް ކަމަށް ބާންލީގެ ކޯޗް ޝޯން ޑައިޝް ވަނީ ބުނެފައެވެ. މި ގޮތުން ހަފްތާ ފެށިގެން އައި އިރު 5-0 ސިޓީ އަތުން ދަށްވި އިރު ބާންލީގެ ސްޓޭޑިއަމް މަތިން 'ވައިޓް ލައިވްސް މެޓާރ' ޖަހައިގެން ދުއްވި މަތިންދާބޯޓެއްގެ މައްސަލައިގައި އެކްލަބް ވަނީ ހޫނުފެނަށް ވެއްޓިފައެވެ.

އެހެން ނަމަވެސް ރޭގެ މޮޅާއެކު ބާންލީ ވަނީ ތާވާލުގެ 11 ވަނަ އަށް ޖެހިލާފައެވެ.