އިންގްލިޝް ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށިފަހުން އާސެނަލްއިން ކުޅުނު ތިން ވަނަ މެޗުގައި 2-0 އަކުން ސައުތްހެމްޓަން ބަލިކޮށްފިއެވެ. މިއީ، ސީޒަންގެ ކުޅުން އަލުން ފެށިފަހުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު އާސެނަލް ކާމިޔާބުކުރެވުނީ ސައުތްހެމްޓަންގެ ކީޕަރު އެލެކްސް މެކާތީއަށް ހެދުނު ގޯހަކުންނެވެ. ސައުތްހެމްޓަންގެ ޑިފެންޑަރެއް ދިން ބެކް ޕާހެއް އޭރިއާގެ ބޭރަށް ފޮނުވާލުމުގެ ތެރޭގައި މެކާތީއަށް ބޯޅަ ދެވުނީ އާސެނަލްގެ ޒުވާން ފޯވަޑް އެޑީ އެންކާޓިއާށެވެ. އޭނާ ހުސް ގޯލެއްގެ ތެރެއަށް ބޯޅަށް ވައްދާލައިގެން އާސެނަލް އަށް ލީޑު ހޯދައިދިނީ މެޗުގެ ވިހި ވަނަ މިނެޓްގައެވެ.
މި ގޯލަށް ފަހު ވެސް އާސެނަލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ސްކޯ 2-0 އަކަށް އެޓީމަށް ހެދުނީ މެޗުގެ 85 ވަަނަ މިނެޓްގައި ސައުތްހެމްޓަންގެ ޖެކް ސްޓީވަންސް އާސެނަލްގެ ޕިޔޭ އެމެރިކް އަބަމޮޔޭންގްއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑަށް ފަހުއެވެ. މި ގޮތުން އެފައުލާއެކު ލިބުނު ފްރީކިކް ސައުތްހެމްޓަންގެ ގޯލް ކީޕަރު އެއް ފަހަރު ސޭވް ކުރި ނަމަވެސް ދެވަނަ ފަހަރު އާސެނަލްގެ ޒުވާން ކުޅުންތެރިޔާ ޖޯ ވިލޮކް ވަނީ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާ ސްކޯ 2-0 އަކަށް ހަދާފައެވެ.
މި މެޗުން މޮޅުވި ނަމަވެސް އާސެނަލް އަދި ވެސް އޮތީ ސާޅީސް ތިން ޕޮއިންޓާއެކު ތާވާލްގެ ނުވަ ވަނައިގައެވެ. އެޓީމާ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ސީޒަން މެދު ކެނޑުމަށް ފަހު ފުރަތަމަ ކުޅުނު މެޗްގައި ނޯވިޗް ސިޓީއާ ދެކޮޅަށް ސައުތްހެމްޓަންއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިރޭގެ މެޗުގައި އެޓީމާ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ.
އެހެން ނަމަވެސް އެޓީމާ ރެލިގޭޝަންގައި އޮތް ތިން ޓީމާ ދެމެދު 11 ޕޮއިންޓްގެ ތަފާތު އޮތް އިރު ސައުތްހެމްޓަންއަށް ރެލިގޭޝަންގެ ބިރެއް ނެތެވެ.