ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިންއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިނގިރޭސިވިލާތުން އުފެއްދި އާ ވެކްސިންއެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމުގެ މަރުހަލާ ފަށައިފިއެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޕްރޮފެސާ ރޮބިން ޝެޓޯކްއާއި އޭނާގެ ޓީމުން ކުރިއަށް ގެންދާ މި ދިރާސާގައި، ކުރިއަށް އޮތް ހަފުތާ ތަކުގައި ތެރޭގައި 300 ވޮލަންޓިއަރަކަށް މި ވެކްސިން ޑޯޒް ދޭނެއެވެ.
ޖަނަވާރުގެ ހަށިގަނޑުގައި މި ވެކްސިން މިހާރު ތަޖުރިބާ ކޮށްފައި ވާއިރު، މިއީ ރައްކާތެރި ވެކްސިނެއް ކަމަށާ، މިއީ ކޮވިޑް-19އާ ދެކޮޅަށް ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވާ ވެކްސިނެއްކަން ވަނީ ހާމަވެފައެވެ.
ލަންޑަންގެ އޮކްސްފޯޑް ޔުނިވާސިޓީއިން މިހާރުވެސް ދަނީ އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ތަޖުރިބާ ކުރަމުންނެވެ.
ކޮވިޑް-19އިން ދިފާއުވާނެ ވެކްސިނެއް ހޯދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 120 މަޝްރޫއެއް ކުރިއަށްދާކަމަށް ޚަބަރު ލިބެއެވެ.
އިމްޕީރިއަލް ކޮލެޖުގެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ތަޖުރިބާ ކުރުމަށް ކުރިއަށްދާ ފުރަތަމަ މަރުހަލާ ނިމުމުން، މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިއަހަރުގެ އޮކްޓޯބަރު މަހު 2 ވަނަ މަރުހަލާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. 2 ވަނަ މަރުހަލާގައި 6000 މީހުން ބައިވެރި ކުރުމަށް ވަނީ ނިންމާފައެވެ.
އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ޓީމުން އުއްމީދު ކުރާ ގޮތުގައި، 2021 ވަނަ އަހަރުގެ ކުރީ ކޮޅު، އިނގިރޭސިވިލާތަށާ ދުނިޔޭގެ އެކި ހިސާބުތަކަށް މި ވެކްސިން ފޯރުކޮށްދެވޭނެއެވެ. އިމްޕީރިއަލް ކޮލެޖުގެ ވެކްސިން ފަރުމާކޮށްފައިވަނީ ޒަމާނުއްސުރެ ވެކްސިން އުފެއްދުމުގައި ބޭނުން ކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް، ވައިރަހުގެ ސިންތެޓިކް ސްޓްރޭންޑްތަކެއް ބޭނުންކޮށްގެން، ވައިރަހާ އެއްގޮތަށް ހަރަކާތްތެރި ކުރުވާ ނަކަލު ޖެނެޓިކް ކޯޑުތަކެއް ބޭނުން ކޮށްގެންނެވެ.