އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 4-0 އަކުން މެޗު ކާމިޔާބުކޮށްގެން ލިވަޕޫލް ޕްރިމިއާ ލީގު ތަށްޓާ ދެ ޕޮއިންޓް ކައިރިއަށް ޖެހިއްޖެވެ.
މި ހަފްތާ ބަންދުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު އިރު ރޭގެ މެޗްގައި ޕެލެސްއާ ދެކޮޅަށް ދެއްކި ކުުޅުމަކީ ޗެމްޕިއަނުންގެ ކުޅުމެވެ.
މެޗްގުގެ ފުރަތަމަ ލަނޑު ޖެހީ ޕެނެލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ މިސްރުގެ ފޯޑަވް މުޙައްމަދު ސަލާހެވެ. ސަލާހު ލަނޑު ޖަހާފައިވަނީ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ދިން ސަޅި ޕާހަކުންނެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ފަބީނިއޯގެ ފަރާތުން ރީތި ކުޅުމެއް ފެނުނު އިރު މެޗުގެ ފަންސާސް ހަތަރު ވަނަ މިނެޓްގައި އޭނާ ޖެހި ލަނޑަކީ 'ގޯލް އޮފް ދަ ސީޒަން' އަށް ވާދަކުރާނެ ވަރުގަދަ ރީތި އަދި ހިތް ގައިމު ލަނޑެކެވެ.
ރޭގެ މެޗުގައި ސްކޯ 0-4 އަކަށް ހެދީ ލިވަޕޫލްގެ ސެނަގާލްއަށް ނިސްވަތްވާ ސާޑިއޯ މާނޭއެވެ. މާނޭގެ މި ލަނޑަކީ ސަލާހްގެ ރީތި ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑެކެވެ.
މެޗުގެ ސްކޯ އިތުރުކުރުމަށް ލިވަޕޫލަށް ގިނަ ފުރުސަތު ތަކެއް ލިބުނު އިރު ލިވަޕޫލްގެ އޭރިއާގެ ތެރޭގައި ކްރިސްޓަލް ޕެލެސްގެ އެއްވެސް ކުޅުންތެރިއަކަށް ފައި ޖައްސާލެވިފައެއް ނުވެއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ލިވަޕޫލަށް މިވަނީ އިނގިރޭސި ޕްރިމިއާ ލީގު އަތުގައި ޖެހޭހާ ކައިރިއަށް ދެވިފައެވެ. ލިވަޕޫލް ދެން ކުޅެން އޮތް މެޗުން މޮޅުވެގެން އެޓީމަށް ތިރީސް އަހަރު ފަހުން ލީގު ތަށި ކާމިޔާބުކުރެވޭނެއެވެ. ނޫން ނަމަ، މިރޭ ޗެލްސީއާ މެންޗެސްޓަރ ސިޓީ ކުޅޭ މެޗުން ސިޓީ ދަށްވެއްޖެނަމަ ވެސް ލިވަޕޫލްއަށް ކަށަވަރުވާނެއެވެ ދެން ލިވަޕޫން އެންމެ އަވަހަށް މެޗެއް ކުޅެން ޖެހެނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ސިޓީއާ ދެކޮޅަށެވެ.
މި މެޗުގެ ކުރިން ޕެލަސްއިން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު މޮޅުވި އިރު ރޭގެ މެޗުގައި ލިވަޕޫލުން ދެއްކި މޮޅު ކުޅުމަށް ދޭނެ ޖަވާބެއް ޕެލަސްއަކަށް ނުލިބުނެވެ.