އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ވެސްޓްހޭމް ކުޅުނު މެޗް 2-0 އަކުން ޓޮޓެންހަމް މޮޅުވެއްޖެ.

މިއީ ސީޒަންގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ވެސްޓްހޭމްގެ ޗެކް ރިޕަބްލިކްއަށް ނިސްބަތްވާ ކުޅުންތެރިޔާ ތޯމަސް ސޫކްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ލަނޑު ބައިކޮޅަށް ވަނީ ޓޮޓެންހަމްއިން ލިބުނު ކޯނަރެއް ނެގިތަނުން ބޯޅަށް ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މެޗުުގައި ޓޮޓެންހަމްއިން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން. މިއީ ކޭން މި ސީޒަންގައި ޖެހި 18 ވަނަ ލަނޑެވެ.

މެޗުގައި ވެސްޓްހޭމްއަށް މާގިނަ ފުރުސަތުތަކެއް ނުއުފެއްދުނު އިރު އެޓީމުގެ ޖެރޯޑް ބޯވެން ޖެހި ޝޮޓެއް ވަނީ ޓޮޓެންހަމްގެ ގޯލުގެ ދަނޑީގައި ޖެހި އަލުން ބޭރަށް ނިކުމެފައެވެ.

މި މެޗުން ދަށްވުމާއެކު ވެސްޓްހާމްއަށް މިވަނީ ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. މިހާރު ވެސްޓްހޭމް އޮތީ ރެލިގޭޝަން ޒޯނުގެ ބޭރުގައި ނަމަވެސް އެއީ ގޯލްގެ ތަފާތުންނެވެ. އަދި ލީގުގައި އެޓީމަށް ބާކީ ހަތް މެޗު އޮތް އިރު އެޓީމަށް ވުރެ ދަށުގައި އޮތް ތިން ޓީމަށް ވެސް އިތުރު މެޗެއް ކުޅެން އެބައޮތެވެ.

ރޭގެ މޮޅާއެކު ޓޮޓެންހަމް އިން މިވަނީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. އެހެން ނަމަވެސް ސީޒަން ނިމޭ އިރު ގަދަ ހަތަރެއް ކަށަވަރުކުރުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ.