މިރޭ އިންގްލިޝް ޕްރިމިއާ ލީގުަގައި ލެސްޓާ ސިޓީއާ ބްރައިޓަން ހޯވް އަލްބިއަން ކުޅުނު މެޗް ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި 0-0 އަކުން އެއްވަރު ވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ލީގު ހުއްޓާލުމަށް ފަހު އިނގިރޭސި ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު މިހާތަނަށް ކުޅުނު ގިނަ މެޗްތަކުގައި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިފައެއް ނުވެއެވެ. މިރޭ ލެސްޓާ އާ ބްރައިޓަން ވާދަކުރި މެޗަކީ ވެސް ހިތް ގައިމު ކުޅުމެއް ފެނިގެން ދިޔަ މެޗެއް ނޫނެވެ.

މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް އުފެއްދިފައި ނުވާ އިރު ފުރަތަމަ ހާފްގައި ބްރައިޓަން އަށް ވަނީ ޕެނަލްޓީއަކުން ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ލެސްޓާގެ ޖަސްޓިން ޖޭމްސް ޕެނެލްޓީ އޭރިއާގެ ތެރޭގައި ބްރައިޓަންގެ އެރޮން ކޮނަލީ ވައްޓާލުމުން ރެފްރީ ދިން ޕެނެލްޓީ ޖެހުމަށް ދިޔައީ ބްރައިޓަން ހަފްތާ ބަންދުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗް 2-1 އަކުން އެޓީމު މޮޅު ކޮށްދިން ލަނޑު ޖެހި ނީލް މޯޕޭއެވެ. އެހެންނަމަވެސް މިރޭ މޯޕޭއަށް ބްރައިޓަންގެ ހީރޯއަކަށް ނުވެވުނީ ލެސްޓާގެ ތަޖުރިބާކާރު ކީޕަރު އަދި ކެޕްޓަން ކެސްޕަރ ޝްމައިކަލްގެ މޮޅު ސޭވަކުންނެވެ. މިއީ މުޅި މެޗްގައި ވެސް ޝްމައިކަލް ކުރަން ޖެހުނު ހަމައެކަނި ސޭވެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ތާވާލްގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ މިވަނީ އެޓީމުގެ ޕޮޒިޝަން ވަރުގަދަކޮށްފައެވެ. ތާވާލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ލެސްޓާ ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތެއް އޮތް ނަމަވެސް ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ލެސްޓާއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގު އެބައޮތެވެ.

އަނެއްކޮޅުން، މިރޭ ލިބުނު ޕޮއިންޓާއެކު ބްރައިޓަން މިވަނީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ދުރަށް ޖެހިލާފައެވެ.