ރައްޔިތުންގެ މަޖިލީހުގެ އިމުގެ ތެރެއިން ބޭރަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ފުލުހުންގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ބޮޑެތި ބާރުތަކެއް މަޖިލީހަށް ނެގުމުގެ ވާހަކަ ދައްކާތީއާއި، އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރާ ވާހަކަ ދައްކާތީ އެކަމަށް އިޝާރާތް ކުަރައްވައެވެ.

"ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެމަނިކުފާނުވެސް ގިނަ ދުވަސްތަކެއް ވާންދެއް މަސައްކަތް ކުރެއްވި ތަނެއް ކަމަށާއި، އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމާނީ ނުވަތަ ނިންމުމެއް ނިންމާނީ ގާނޫނީ އިމުގެ ތެރެއިން މަޖިލީހަށް ކުރެވޭނެ މިންވަރަށް، ކުރެވޭނެ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ގާނޫނު ސަރުކާރުން މަޖިލީހަށް ހުށަހެޅީ ފުލުހުންގެ މުއައްސަސާ ފުރިހަމަ ކުރުމަށް ކަމަށާއި، އެ ގާނޫނު އޮތީ ވަރަށް ފުރިހަމައަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންނަށް ފާޑު ވިދާޅުވަމުން އަޑުއުފުއްލަވާފައި ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ގިނަ ބާރުތަކެއް ނެގުމަށެވެ.

އެގޮތުން އެ ބިލުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮވެއެވެ. އަދި ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައި ވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެއެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެއެވެ.

މީގެ އިތުރުން ކޮވިޑް 19 ފަދަ ކަމެއް ދިމާވެގެން، އިއުލާކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ރައްޔިުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވެސް ވެއެވެ. އޭގެ އިތުރުން އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރުވެސް މަޖިލީހަށް ދޭން ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން އެ ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ގަރާރާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެއެވެ.