ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމާ އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުރައްކާތެރި ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ތައްޔާރު ވަނީ ނިއު ނޯމަލްގައި ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ފެށުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށެވެ. އޭގެ އިތުރުން ރިސޯޓުތައް ވެސް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހު ދެވިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓު ހައުސްތައް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ހުރިހާ އެއާޕޯޓެއް ވެސް ހުޅުވާލާނެ ކަމަށެވެ. މީގެއިތުރުން ރައީސް ވިދާޅުވީ އަލުން ބޯޑަރު ހުޅުވާލާއިރު ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ދަތުރު ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި ގައުމުތަކުން ދެކުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންނަ މަހު ނިއު ނޯމަލްގެ ދަށުން ސަރުކާރު އޮފީސްތައް ހުޅުވާލާނެ ކަމަށާއި އަދި ކެފޭ ރެސްޓޯރަންޓުތަކާއި ސްކޫލުތައް ވެސް ހުޅުވާލާނެ ކަމަށެވެ.

އެގޮތުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އަންނަ މަސް، ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއާ އެކު ރިސޯޓްތައް ހުޅުވި، ޓޫރިޒަމް އަލުން ފަށައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގެސްޓް ހައުސްތައް އޮގަސްޓްމަހުގެ ތެރޭގައި ހުޅުވުމަށް ހުއްދަ ދެއްވާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ.