ކޮވިޑް-19އިން ރައްކާތެރިވުމަށް ކޮށްފައިވާ ލޮކްޑައުންނަށް ލުއި ދިނުމުގެ ގޮތުން މިހާރު އިއުލާން ކޮށްފައިވާ ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާ ކިޔަވަދޭން ފަށަން ތައްޔާރުވަމުން ދާ އިރު ކުދިންނަށް ފެންނާނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.
އެޑިއުކޭޝަނުން ބުނީ ސްކޫލުތައް ނިއު ނޯމަލަށް ތައްޔާރުވުމަށް ކުރަމުން ދާ މަސައްކަތްތައް ބާރަށް ކުރިއަށް ދާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ވެސް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި އެ މިނިސްޓްރީން ހޯދައި ސްކޫލް ތަކަށް ފޮނުވަމުން ދާ ކަމަށާއި އަދި ގިނަ ސްކޫލް ތަކަށް މިހާރު ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސްކޫލް ތަކުގައި ގާއިމް ކުރަން ޖެހޭ އަތް ދޮންނަ ތަންތަން މިހާރު ހަދަމުންދާ ކަމަށާއި ސްކޫލަތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި އަތް ދޮންނަ ތަންތަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހުރިހާ ސްކޫލްތަކަށް ހުންބަލާ ތާމޯމީޓާ ފޮނުވަމުންދާ ކަމަށާއި ސްކޫލްތަކުގައި ކުރަން ހުރި މަރާމާތު ވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ނިމޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ސްކޫލްތައް ހުޅުވާއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށްދިނުމަށް 11000 ޓީޗަރުންނަށް ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓާއި ސައިކޮލިޖިކަލް ފަސްޓަ އެއިޑް ޓްރޭނިން ދޭން ފަށާފައިވާ ކަމަށާއި ސްކޫލްތައް ސެނެޓައިޒް ކޮށް އަދި ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީން ދަނީ ހިންގަމުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ސްކޫލްތައްވެސް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ.
ނިއު ނޯމަލްއަށް ދިއުމަށް ސްކޫލްތައް ހުޅުވާލާ އިރު ހުރިހާ ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ދާން ޖެހެނީ މާސްކް އަޅައިގެންނެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް ސްކޫލަށް ނުދިއުމަށް އެޑިއުކޭޝަނުން އިލްތިމާސް ކުރެއެވެ.