ސަލާމަތީ ބާރުތަކުން މިއަދު ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި މިހާތަނަށް ކޯޓު އަމުރުގެ ދަށުން 5 ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މަޑުއްވަރީގައި އޮޕަރޭޝަން ހިންގަނީ އެޗްޕީއޭގެ އެންގުމާ ހިލާފުވެ، ރަށްރަށަށް އަރާ ވައްކަން ކުރާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގާ ހަރަކާތެއް ރ. އަތޮޅުގައި ކުރިއަށް ގެންދާ ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލުން ބުނީ، މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އަދި ގެތަކެއް ބަލާ ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތެއް ސަލާމަތީ ބާރުތަކުން ކައުންސިލާ ހިއްސާ ކޮށްފައި ނުވާތީ، މާބޮޑު ތަފްސީލެއް ނޭނގޭ ކަމަށާއި، ކުއްލިއަކަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން އުޅެނީ ކީއްވެ ކަން ވެސް ނޭނގޭ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން، ފާސްކުރަމުން ދަނީ މީގެ ކުރިން ވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެ ރަށުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ފާސްކުރި ގެއެކެވެ.

ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއް މަޑުއްވަރީގައި ފަށާފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހު ވެސް އެ ރަށުގައި ވަނީ މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި އޭރު ބެލި ބެލުމުން، ހަރުކަށި ފިކުރަށް ތަބާވާ 6 މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާވެސް ވަނީ ކޮށްފައެވެ.