މާލޭ ސިޓީގެ ލޮކްޑައުނަށް ލުއިތަކެއް ލިބުމާއެކު މާލޭ ސިޓީގައި ގާއިމް ކޮށްފައިވާ ބީއެމްއެލްގެ ބްރާންޗްތަކުންނާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދެމުން ދަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް ބީއެމްއެލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބީއެމްއެލުން ބުނީ ހިދުމަތް ދެމުން ދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކަސްޓަމަރުން އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހަަމަޖެހޭ ގަޑިއަށް ކަސްޓަމަރުން ބޭންކަށް ދިއުމަށް ވެސް ބޭންކުން އިލްތިމާސްކުރެއެވެ.

އެޕޮއިންޓްމަންޓް ހަދަނީ ކިހިނެއް؟

ބޭންކު އެޕޮއިންޓްމަންޓް ހަދާނީ އޮންލައިންކޮށް މިލިންކުން އެވެ.

ބްރާންޗް އަދި ސާވިސް ސެންޓަރުތަކުން ދެމުން ދާނީ އޮންލައިން އަދި ސެލްފް ސާވިސް ސެންޓަރުތަކުން ނުލިބޭ ހިދުމަތްތައް ކަމަށްވެސް ބޭންކުން ބުނެއެވެ.

މަތީގައިވާ ލިންކުން އެޕޮއިންޓްމަންޓް ހެދުމަށް ފަހު ގަޑިއަށް ބޭންކަށް ދާން ޖެހޭނެ ކަމަށާއި އެގޮތަށް ނުދެވޭ ކަސްޓަމަރުން ޖެހިގެން އަންނަ ދުވަހަށް އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

މި ހިނގާ ޖޫން މަހުގެ ނިޔަލަށް ބޭންކު ހުޅުވުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހެވެ. އެއީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް، އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެގޮތުން ބުރާސްފަތި ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ބުދަ ވިލޭރޭ 12:00 އިން ފެށިގެން ބުދަ ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް ލިބޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

ޚިދުމަތް ހޯދަން ދާ އިރު ސަމާލުކަން ދޭންވީ ކަންތައްތައް:

- މާސްކު އެޅުން

- ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން

- އަމިއްލަ ގަލަން ގެނައުން

- ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން

ބީއެމްއެލުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށާއި މާލޭގެ ލޮކްޑައުން އަށް ލުއިތަކެއް ދީފައިވީ ނަމަވެސް ބޭންކުގެ ހިދުމަތްތައް ގޭގައި ތިއްބެގެން އޮންލައިންކޮށް ހޯދުމަށްވެސް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.