ކޯވިޑް-19 އާ ގުޅިގެން އިންގްލިޝް ޕްރިމިއާ ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ދެވަނަ މެޗުން ވެސް މެންޗެސްޓަރ ސިޓީ ބޮޑު މޮޅެއް ހޯދައިފިއެވެ. މި ގޮތުން ރޭ ކުޅުނު މެޗްގައި ސިޓީއިން ވަނީ 5-0 އަކުން ބާންލީ ފަސޭހަކާއެކު ބަލިކޮށްފައެވެ.
މި މެޗްގައި ސިޓީގެ ފިލް ފޯޑަން އަދި ރިޔާޒް މަހްރޭޒް ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު މަހްރޭޒްގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ސިޓީއިން ޖެހި އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. ބްރޭކަށް ފަހު ސިޓީއިން މިދިޔަ ހަފްތާގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބު ކުރީ 3-0 އަކުން ނެވެ. މީގެ މާނައަކީ ބައިކޮޅަށް އެއްވެސް ލަނޑެއް ނުވައްދާ ސިޓީއިން މިވަނީ ދެ މެޗްގައި 8 ގޯލް ޖަހާފައެވެ.
ރޭގެ ތަފާތު ބޮޑު މޮޅާއެކު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިވަނީ އެއްވަނައިގައި އޮތް ލިވާޕޫލާ 20 ޕޮއިންޓް ގާތަށް ޖެހިލާފައެވެ. އަދި މި މޮޅާއެކު ސިޓީއިން މިވަނީ ލިވަޕޫލް ބުދަ ދުވަހު ކްރިސްޓަލް ޕެލަސްއާ ކުޅޭ މެޗުން މޮޅުވި ނަމަވެސް ލީގު ތަށި އެޓީމަށް ޔަގީން ނުވާނެ ކަން ވެސް ކަށަވަރުވެފައެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ސިޓީއާ ޗެލްސީ ކުޅޭ މެޗުން ސިޓީ ބަލިވެއްޖެނަމަ ލިވާޕޫލްއަށް ތަށި ކަށަވަރުވާނެއެވެ.
ރޭގެ މެޗްގައި ބާންލީއަށް ގޯލް ޖަހާނެ އެންމެ ފުރުސަތެއް ވެސް އުފެއްދިފައި ނުވާ އިރު އެޓީމުގެ ކޮޅަށް އިތުރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީއަށް ލިބުނެވެ.
މި މެޗްގެ މައްޗަށް އަނދިރި ހިޔަންޏެއް އެޅިގެން ދިޔައީ 'ވައިޓް ލައިވްސް މެޓާރ-ބާންލީ' ޖަހައިގެން މެޗް ފެށިތާ ކުޑަ އިރުކޮޅެއް ފަހުން ސްޓޭޑިއަމްގެ މަތިން ދިޔަ މަތިންދާބޯޓެއްގެ ސަބަބުންނެވެ. ބާންލީއިން ވަނީ މެޗުގެ ތެރެއިން މި ޢަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
ޕްރިމިއާ ލީގު އަލުން ފަށާފައިވާ އިރު ކުޅުންތެރިންނާ އޮފިޝަލުން ދަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އިނގިރޭސި އެފް.އޭއިން ހިންގާ ކެމްޕޭންގައި ބައިވެރިވެ މެޗް ފެށުމުގެ ކުރިން އެއް ކަކޫ މައްޗަށް ތިރިވެ ވަގުތުކޮޅެއް ހޭދަކުރަމުންނެވެ.