މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައިވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެންބަރުން ބައިވެރިނުވުމަށް ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިން ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް އަނިޔާވުމާ ގުޅިގެން އެ ކޯލިޝަންގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.

މަޖިލީހުގައި މިމަހުގެ ދެވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އަދިވެސް އެ މެންބަރުންނަށް ރައްކާތެރިކަން ކަށަވަރުވެފައި ނުވާތީ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ. އިދިކޮޅު މެންބަރުން ވަނީ އެންމެފަހުން ބޭއްވި ހަތަރު ޖަލްސާ ވެސް ބޮއިކޮޓް ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވި ފަހުން އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. އެއާއެކު އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަނު ކުރުމަށް ރޭ ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައި ނޫވެރިއަކު ކުރި ސުވާލަށް ޖަބާށރު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ އެއްވެސް ހާލެއްގައި ޕާޓީގެ މެންބަރުން މަދުވެގެންނެއް ނޫން ކަމަށާއި އެ މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތުމުން ކަމަށެވެ. އަދި އެ މެންބަރުންނަށް މަޖިލީހަށް ގޮސް ރައްޔިތުންނަށް އަޑުއުފުލާނެ މާހައުލެއް ގާއިމްވެފާއި ނެތުމުން ކަމަށްވެސް އަދުރޭ ފާހަގަ ކުރައްވާފައި ވެއެވެ.

އަޅުގަނޑުމެން މަޖިލިސް ބޮއިކޮޓް ކޮށްގެން މި އުޅެނީކީއެއް އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެންބަރުން މަދުވެގެންނެއް ނޫން. އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން ނެތީމަ، މެންބަރުންނަށް މަޖިލީހަށް ގޮސް ރައްޔިތުންނަށް އަޑުއުފުލާނެ މާހައުލެއް ގާއިމްވެފާއި ނެތް. ފެނިވަޑައިގަންނަވާނެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި ބޭވި ޖަލްސާގަ ޝިޔާމަށް އެމްޑީޕީގެ މެންބަރުން ލައްވާ ކެނެރީގޭ މުހައްމަދު ނަޝީދު ގޮނޑީގަ އިންނަވައިގެން ކުރެއްވި އަނިޔާ
އަދުރޭ

މީގެ އިތުރުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ތަހުގީގު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ގައުމުގެ ގާނޫނު ހޯމް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިމްރާންގެ ގާބިލް ކަމަކީ އެެއްވެސް އިރަކު އޮޅިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.

އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.