2019 ވަނަ އަހަރު އޮކްޓޯބަރު އަދި ނޮވެންބަރު ގައި އޯލެވެލް އަދި އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލުތަކަށް ދޫކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މިހާރުވަނީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އަށް ލިބިފައިވާ ކަމަށާއި ސްކޫލްތަކަށް ސެޓްފިކެޓް ފޮނުވުމުގެ މަސައްކަތް މިހާރު ފަަށާފައިވާ ކަމަށެވެ.
ސްްކޫލަކަށް ލިބުނުހާ އަވަހަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ މިނިސްޓަރީން ބުނާއިރު، އިތުރުން އެ މިނިސްޓްރީން ބުނީ އެއްވެއުޅުން މަނާކޮށްފައިވާ ހާލަތުގައި ސޯޝަލް ޑިސްޓަންސިން އަށް ބެލުމަށްފަަހު ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރާއިރު އަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް ވެސް ވާނީ ސްކޫލްތަކާ ހިއްސާކުރެވިފައި ކަމަށެވެ.
އޯލެވެލް އޭލެވެލް ސެޓްފިކެޓުތައް ލިބުން ލަސްވެ ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާތައް މިނިސްޓްރީ އަށް އަމާޒުވުމުން، އެޑިއުކޭޝަނުން ބުނީ ސެޓްފިކެޓްތައް ނުލިބި ލަސްވެފައިވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައިމަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމުގައެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓް ތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓް ކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވީމައި ކަމަށެވެ.
އެ މަރުހަލާނިމި ސެޓްފިކެޓް ތައް ފޮނުވުމާ ހަމައަށް އައިއިރު ކޮވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް، ފުރަބަންދުކުރުމުގެ ސަބަބުން ސެޓްފިކެޓް ތައް ލިބުމުގައި ދަތިތަކެއް ދިމާވެ ރާއްޖެ އަށް ގެނައުމުގައި ގޮންޖެހުންތައް ދިމާވި ކަމަށްވެސް އެ މިނިސްޓާރީގެ ބަޔާނުގައި ވެއެވެ. ހަމަ އެހެންމެ ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށްވެސް އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.
އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް މިހާރުވަނީ ސްޓެފިކެޓްތައް ލިބިފައެވެ.